ކިހާދު އާއި ކުޑަރިކިލުގެ ފެނާއި ނަރުދަމާގެ ނިޒާމު އަންނަ އަހަރު އޮކްޓޫބަރު މަހަށް ނިންމާލެވޭނެ: މިނިސްޓަރު

0bb9729c-4f9e-4916-880a-e5ceb88e9b98.jpg

މިނިސްޓަރު މުއްތަލިބު މަޖިލީހުގެ ޖަލްސާއެއްގައި-

ބގ. ކިހާދޫ އާއި ކުޑަރިކިލުގައި ގާއިމުކުރަމުންދާ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތައް އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، މި ދެ މަޝްރޫއަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދަން އުޅުނު މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް، ފެނަކައިން އެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންގޮސް ހުއްޓިފައި އޮތުމުން، މިހާރު އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، މަސައްކަތް ކުރިއަށްގެންދިއުމަށް އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަޝްރޫއުގެ ތަފްސީލު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކިހާދޫގެ މަސައްކަތް ފެނަކައާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު 40 މިލިއަން ރުފިޔާއަށް ކަމަށެވެ. އެހެންނަމަވެސް، މަސައްކަތުގެ އެންމެ 16 އިންސައްތަ ނިންމުމަށްފަހު މަސައްކަތް އޮތީ ހުއްޓިފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ފެނަކައާ ހަވާލުކުރި އަގަށްވުރެ ބޮޑު އަގެއްގައި އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުން، އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ފެނަކައިން އޭރު ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން، ފެނަކައަކީ މިފަދަ އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ތަޖުރިބާ ހުރި ކުންފުންޏެއް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މުޅި މަޝްރޫއު އެއްކޮށް ސަބް-ކޮންޓްރެކްޓް ކުރުމަކީ މާލިއްޔަތު ގަވާއިދާ ހިލާފު ކަމެއް ކަމަށާއި، ފެނަކައިން މަސައްކަތް ހަވާލުކުރި ކުންފުނިތަކަކީވެސް ތަޖުރިބާނެތް ކުންފުނިތަކެއްކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top