ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4މަހުގެ މުސާރަ ދީފި

WhatsApp-Image-2026-07-21-at-12.55.02-PM.jpeg

ފެނަކަ “ރައިޓްސައިޒް” ކުރުމުގެ ދަށުން، އިނާޔަތްތަކާއެކު, އަމިއްލައަށް ވަކިވާން ހުށަހެޅި މުވައްޒަފުންނަށް އެއްބަސްވުމާ އެއްގޮތަށް ހަތަރު މަހުގެ މުސާރަ ދީފި އެވެ.

ޖުމުލަ 8،000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ ފެނަކައިން އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލީ ޖޫން މަހުގެ ދެވަނަ ދުވަހެވެ. އެއީ، އެގޮތަށް ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައިގެ އިނާޔަތެއް ދޭނެ ކަމަށް އިއުލާނު ކުރުމަށް ފަހުގައެވެ.

މި މަހު ކުރީކޮޅު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިން ވަނީ، އެހާތަނަށް 108 މުވައްޒަފަކު އެ ކުންފުނިން ވަކިވާން އެދިފައިވާ ކަމަށާއި އެ މީހުން ދޫކޮށްލުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން، ބައެއް އޮންލައިން ނޫސްތަކުގައި ވަނީ، ވަޒީފާއިން އަމިއްލައަށް ވަކިވިގިނަ މުވައްޒަފުންނަށް ފެނަކައިން ފައިސާ ނުދޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އެ ރިޕޯޓުތަކާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތުގެ ދަށުން މުވައްޒަފުން ދޫކޮށްލަން ޖެހުނު ހާލަތުގައި، އުސޫލެއް އެކަށައަޅައި، އަމިއްލައަށް ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ހުޅުވާލީ މުވައްޒަފުން ޝަރަފުވެރިކަމާއެކު އިނާޔަތަކާއެކީ ވަކިވުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ކަމަށެވެ. ރިޑަންޑެންސީ އުސޫލުގެ ދަށުން ހަތަރު މަހުގެ މުސާރައާއެކު ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ލިޔުމުން ހުށަހެޅުމުން، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ، ކުންފުންޏާއި އެ މުވައްޒަފާ ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން ކަމަށްވެސް ބުނެފައިވެ އެވެ.

“ނަމަވެސް މިކަމާ ގުޅިގެން، ފެނަކައިން މުވައްޒަފުންނަށް އޮޅުވާލާފައިވާކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުންނާއި އާންމު ފަރާތްތަކުން، މީޑިއާގެ އެކި މަންސަތަކުގައި ފަތުރަމުންގެންދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަން.” ބަޔާނުގައިވެއެވެ.

އެ ކުންފުނިން ވަނީ ކުންފުނިން އެކަށައަޅާ އުސޫލަކާ ޚިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއްވާ ގޮތަށް އެ ކުންފުނިން އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ.

ފެނަކައިން މީގެ ކުރިން ބުނީ، މުވައްޒަފުން މަދުކުރަނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ކަމަށެވެ. އަދި މުވައްޒަފުން މަދުކުރުމަކީ، ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ކުންފުންޏަކަށް ހެދުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށްވެސް ކުންފުނިން ފާހަގަކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top