ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރުނުކުރަން އިލްތިމާސްކޮށްފި

DSCN7576.jpg

މޫސުން ގޯސް ދުވަހެއް

މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވުމުން، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރުނުކުރަން ފުލުހުން މިއަދު އިލްތިމާސް ކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ވަނީ، މިއަދު ވެސް ރާއްޖޭގެ މޫސުން ގޯސްވެ، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި، އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، އާންމު ގޮތެއްގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ. މި ހާލަތާ ގުޅިގެން ދަތުރުވެރިންނާއި އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.

މެޓް އޮފީހުން އެހެން ބުނެފައިވާ އިރު ފުލުހުން ވަނީ ކަނޑު ދަތުރުތައް ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ހަމައެއާއެކު، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރު ނުކުރުމަށާއި، ދަތުރުކުރާނަމަ ލައިފް ޖެކެޓް އެޅުމަށް އިރުޝާދު ދީފައިވެއެވެ. މީގެ އިތުރުން އުޅަނދުތަކުގައި ސަމާލަތީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށާއި އުޅަނދަށް ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ފުލުހުން ހަނދާންކޮށްދީފައިވެއެވެ.

މެޓް އޮފީހުން މީގެ ކުރިން ވެސް ވަނީ މި ހަފުތާ ތެރޭގައި ވިއްސާރަވާނެ ކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top