ބޭންކުގައި ޑޮލަރު ނެތްކަމަށްބުނެ ދޮގު ފަތުރާނަމަ ބޮޑު ގެއްލުމަކަށް ވެދާނެ

747723857_17972116260094568_1931286478839128053_n-2048x1365-1.jpg

ބީއެމްއެލްގެ ސީއީއޯ ޝަރީފް، ފޮޓޯ: ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު ނެތްކަމަށް ބުނެ ދޮގު ވާހަކަ ފަތުރާ ނަމަ، ރާއްޖޭގެ އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބުން އެކަށީގެންވާ ކަމަށް އެ ބޭންކްގެ ސީއީއޯ/އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ހަމައެހެންމެ ބޭންކުގެ މާލީ ހަރުދަނާކަން ގެއްލިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިކުރުމަށްޓަކައި ހިންގާ ނުބައި ތަސައްވުރެއް ކަމަށް ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ މިހެން ވިދާޅުވީ ބޭންކާ ގުޅޭގޮތުން ފަހަކަށް އައިސް ފެތުރެމުންދާ އެކި ހަބަރުތަކުގެ ހަގީގަތް ހާމަކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅުގައެވެ. ޝަރީފް ވިދާޅުވީ ބޭންކާ މެދު ނުބައި ތަސައްވުރެއް އުފައްދަން ބަޔަކު މަސައްކަތް ކުރި ނަމަވެސް، ބޭންކު ހިންގަނީ ބައިނަލްއަގުވާމީ ރެގިއުލޭޓަރީ މިންގަނޑުތަކާ އެއްގޮތަށް، އިންތިހާއަށް ހަރުދަނާކޮށް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ޑޮލަރުގެ ތަފްސީލުތައް ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ، މިއަހަރުގެ ވޭތުވެދިޔަ ހަމަސް ދުވަހަކީ ބޭންކުގެ ތާރީޚުގައިވެސް އެންމެ ގިނައިން ޑޮލަރު ވިއްކާފައިވާ މުއްދަތު ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖުކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2023 ވަނަ އަހަރު އެ އަދަދު 37 މިލިއަން ޑޮލަރަށް އަރައި، މިއަހަރު ކޮންމެ މަހަކު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭންކުން ދަނީ ވިއްކަމުންނެވެ.

“މިހާވަރަށް އިތުރަށް މިހާރު ޑޮލަރު ވިއްކަނީ ޑޮލަރު ނެތީމަތޯ؟” ޝަރީފް ސުވާލު ކުރެއްވިއެވެ.

ޝަރީފު ވިދާޅުވީ ގައުމީ ބޭންކަކީ ރާއްޖޭގެ އިޤްތިސާދާ ގުޅިލާމެހިފައިވާ ބޭންކެއް ކަމަށެވެ. އެހެންވެ އެ ބޭންކާ ގުޅޭގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށްޓަކައި ދައްކާ ވާހަކަތަކުން ބޭންކަށާއި، ރާއްޖޭގެ އިޤްތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިދާނެ ކަމަށް ވިދާޅު ވިއެވެ.

ޝަރީފް ވިދާޅުވީ، 2021 ގައި ކާޑު މުއާމަލާތްތަކަށާއި، ވިޔަފާރިތަކަށް ޓީޓީ ފޮނުވުމަށާއި، ފުރާ މީހުންނަށް ވިއްކޭ ނަގުދު ފައިސާއާއެކު އެވްރެޖްކޮށް މަހެއްގެ މައްޗަށް ބޭންކުން ޑޮލަރު ވިއްކާ އަދަދަކީ 21 މިލިއަން ކަމަށެވެ.

އެއާ ޚިލާފަށް މި އަހަރު ކޮންމެ މަހަކު އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ވިއްކަމުން އަންނަ ކަމަށް ވިދާޅުވި އެއެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ޑޮލަރު ގަންނަން ލިބޭ ވަރަށް ވުރެ ޑޮލަރު ވިއްކަން ޖެހޭ އަދަދު އިތުރުވުމުން އެކަން މެނޭޖްކުރުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

ރާއްޖޭގައި ޑޮލަރުން ލިބުން ދަތިވުމާއި ޑޮލަރުގެ ކަޅު ބާޒާރާ އުފެދިފައިވާތީ އިދިކޮޅު އެމްޑީޕީން އަންނަނީ އެކިއެކި ފޯރަމްތަކުގައި އެ ވާހަކަ ދައްކައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top