ސިޔާސީ ވިސްނުމަށް ބަލައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެ: ރައީސް

215b6a5d-cedd-4249-9780-81b626610723-scaled.jpg

ސިޔާސީ ވިސްނުމަކަށް ބަލައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށާއި ވެވަޑައިގެންނެވި ވައުދާ ޚިލާފުވެވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރު ބަދަލުވިއިރު ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދާ ޚިލާފުވެވަޑައިގެންފައި ނުވާނެ ކަމަށެވެ. އަދި ސަރުކާރު ފެށުނުއިރު ސިޔާސީ މަގާމުތައް ފިޔަވައި އެހެން ހުރިހާ މުވައްޒަފުން މަގާމުތަކުގައި ދެމިތިބި ކަމަށާއި، ބައެއް މުވައްޒަފުން އަހަރަކަށްވުރެ ނުވަތަ ދެ އަހަރަށްވުރެ ގިނަ ދުވަސްވަންދެންވެސް ވަޒީފާގައި ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

​ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތަކީ ކުރިންވެސް ރޭވިފައި އޮތް ކަމެކެވެ. އެގޮތުން ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ ކުޑަކޮށްގެން އުޅޭތާ މިހާރު ދެ އަހަރުވެފައިވާކަމާއި، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ޚަރަދު ކުޑަކުރަމުންދާކަން ސާފުކޮށް ފެންނަން އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

​ނަމަވެސް، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދުނިޔޭގައި ފެށިގެންދިޔަ ހަނގުރާމައާއެކު، މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރައި، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް މާ ބޮޑަށް ވަރުގަދަކުރަން މަޖުބޫރުވި ކަމަށް ރައީސް ވިދާޅުވިއެވެ.

​”މިއީ އަޅުގަނޑުމެން އެއްވެސް ފަރާތަކުން ފޯކާސްޓް ކުރި ކަމެއްނޫން، ހީކުރި ކަމެއްނޫން… މިއަހަރުގެ ފެބްރުއަރީ މަސް ނިމޭއިރުގަ ހަނގުރާމައެއް ދުނިޔޭގަ ފެށިގެންދާނެ ކަމަކަށް އަދި އަމުދުން މުޅި ދުނިޔެއަށް އިފެކްޓް ކުރާކަހަލަ ސަރަހައްދެއްގަ.” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ދުނިޔެއަށް އައި މި ބަދަލާއެކު، ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށްޓަކައި ކުންފުނިތައް ‘ރައިޓްސައިޒް’ ކުރުން ނުވަތަ ބޭނުންވާ އަދަދަށް މުވައްޒަފުން މަދުކުރުމަކީ މަޖުބޫރު ކަމަކަށް ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ކުންފުނިތަކުގެ އެޗްއާރު އޮޑިޓްތައް ހަދައި، އެކިކަހަލަ ޕެކޭޖްތައް ދީގެންނާއި އެކި އުސޫލުތަކުގެ މަތިން މުވައްޒަފުން މަދުކުރުމުގެ ޕޮޒިޓިވް ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.​

މީގެއިތުރުން، ޕްރޮބޭޝަން ޕީރިއަޑްގައި ތިބޭ މުވައްޒަފުންނާއި، ކުންފުނިތަކުގެ ގާނޫނާއި ޕީސީބީގެ ހަމަތަކުގެ މަތިން ހުނަރު ސާބިތުނުވާ ނުވަތަ ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަކީ ވައުދާ ޚިލާފުވުން ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުންފުންޏަށް ބޮޑެތި ގެއްލުންދީ، ވައްކަންކޮށް، ކުންފުނީގެ ހަރުމުދަލަށް ގެއްލުންދޭ މީހުން ވަޒީފާއިން ވަކިނުކުރާނެ ކަމަށް ބުއްދި ގަބޫލުކުރާ އެއްވެސް މީހަކު ނުވިސްނާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top