މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޑެބިޓް ކާޑު މެދުވެރިކޮށް ވަކިވަކި އީ-ކޮމާސް ވެބްސައިޓްތަކުން ކުރާ ޑޮލަރުގެ މުއާމަލާތްތަކަށް ލިމިޓެއް ކަނޑައަޅައިފިއެވެ.
އެމްއައިބީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ރުފިޔާ ކާޑަށް ކަނޑައަޅާފައިވާ 250 ޑޮލަރުގެ ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ލިމިޓެއް ކަމަށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ބައެއް ކަސްޓަމަރުންނަށް މި ހިދުމަތް ލިބި، އެ ލިމިޓް އެހެން ބޭނުންތަކަށް ބޭނުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. އެ ބޭންކުން ބުނީ، ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެމިއޮތުމާއި ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް އިސްކަން ދިނުމުގެ ގޮތުން ވަކި ވިޔަފާރި ވެބްސައިޓްތަކުގައި ޑޮލަރުގެ ލިމިޓް މިވަގުތު ބޭނުންކުރުން ހުއްޓުވުމަށް ނިންމާފައިވާ ކަމަށެވެ.
އެ ބަދަލާއެކު މި ހިނދުން މި ހިނދަށް ބައެއް ވިޔަފާރި ސައިޓްތަކުން މި ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ވަނީ ނިންމާފައެވެ.
މި ނިންމުމާއިއެކު އީކޮމާސްް ސައިޓްތަކަށް ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަނެވެ. މި ބަދަލު ގެނައި ނަމަވެސް ބައެއް ވިޔަފާރި ސައިޓްތައް ފިޔަވާ ކަސްޓަމަރުން އާންމު ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓްތަކާއި ރާއްޖޭން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިފާރިތަކާއި ސިއްހީ ޚިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކިއެކި ހަރަދުތަކަށް 250 ޑޮލަރުގެ ލިމިޓުގެ ތެރެއިން ބޭނުންކުރެވޭނެ ކަމަށެވެ.
އެމްއައިބީން ބުނީ މި ނިންމުން ނިންމި ސަބަބަކީ މި ލިމިޓް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.
މި ކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ބެންކުން ވަނީ ކަސްޓަމަަރުންގެ ކިބައިން މާފަށް އެދިފައި ވެއެވެ.





