މޫދު ކުޅިވަރުގައި މަޝްހޫރު ބ. ގޮއިދޫ ފަޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ”ބާ ގޮއިދޫ ކައުންސިލް ފުޅަނގި ޗެލެންޖް 2026“ ކައިޓް ސާފިން މުބާރާތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ގޮއިދޫ ކައުންސިލުން އިސްނަގައިގެން، ”ބާ ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ“ އާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ކައުންސިލަކުން އިސްނަގައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ ކައިޓްސާފިން މުބާރާތެވެ.
މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މޫދު ކުޅިވަރުތައް އާލާކޮށް، މި ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ 38 ރައިޑަރުން ވާދަކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ ގޮއިދޫން ބޭރުގެ 30 ރައިޑަރުންނާއި އެ ރަށަށް ނިސްބަތްވާ 14 ރައިޑަރުންނާއެކު ޖުމްލަ 44 ރައިޑަރުންނެވެ.
މި މުބާރާތް ކުރިއަށްދާނީ ރޭސް އަދި ފްރީސްޓައިލް ކެޓެގަރީތަކަށް ބަހާލައިގެންނެވެ. ރޭސް ކެޓެގަރީން އެއްވަނައަށް ހޮވޭ ފަރާތަކަށް 10,000 ރުފިޔާއާއި ޓްރޮފީ، ދެވަނައަށް 5,000 ރުފިޔާއާއި ޓްރޮފީ، އަދި ތިންވަނައަށް ދާ ފަރާތަކަށް 3,000 ރުފިޔާއާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފްރީސްޓައިލް ކެޓެގަރީގެ އެއްވަނައަށް 10,000 ރުފިޔާއާއި ޓްރޮފީ، އަދި ދެވަނައަށް 5,000 ރުފިޔާ ލިބޭނެއެވެ. އަދި ތިންވަނައަށް 3000 ރުފިޔާއާއި ޓްރޮފީ ލިބޭނެއެވެ.
މުޅި މުބާރާތުން އެންމެ މޮޅު އެތުލީޓަކަށް ހޮވޭ ފަރާތަކަށް “ފުޅަނގި ޓައިޓަލް ވިނާ” ގެ ޝަރަފާއެކު 15,000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކުރެވޭނެއެވެ.
ޖޫން 28 އިން ޖުލައި 5 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ތެރޭގައި އެތުލީޓުންނާއި އޮފިޝަލުންނަށް ގިނަ ލުއިފަސޭހަތަކެއް ވަނީ ހަމަޖައްސައިދީފައެވެ.







