އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން އެ ކައުންސިލްތަކުގައި މަސައްކަތް ކުރެއްވި ހުރިހާ ސެކްރެޓަރީ ޖެނެރަލުން އިއްޔެ މަގާމުން ވަކިކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ އެސްޖީން މަގާމުން ވަކިކުރީ އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން ކަމަށެވެ. އެ ބޭފުޅުން ވަކިކުރީ ގަވާއިދާ އެއްގޮތަށް ނޯޓިސްގެ މުއްދަތުގެ ފައިސާ އަދި ރިޑަންޑެންސީ އިނާޔަތް ލިބޭ ގޮތަށް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުން އެސްޖީންތައް މަގާމުން ވަކިކުރީ އިއްޔެއެވެ. އެމީހުން މަގާމުން ވަކިކުރަން ނިންމާފައިވަނީ ނޯޓިސްގެ މުއްދަތުގެ ފައިސާ އަދި “ރިޑަންޑެންސީ އިނާޔަތް” ލިބޭ ގޮތަށްކަން ވަނީ އެނގިފަ އެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލްތައް އުވާލީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. އެ އިސްލާހުގައިވާ ގޮތުން ކައުންސިލްތަކުގެ ދައުރު ހަމަވުމާ އެކު އެ ތަންތަން އުވޭނެއެވެ. އާ ކައުންސިލަރުން މިދިޔަ މަހުގެ 17 ގައި ހުވާކުރުމާ އެކު އަތޮޅު ކައުންސިލްތައް އުވި އެތަންތަން ވަނީ އެލްޖީއޭގެ އަތޮޅު އޮފީސްތަކަށް ބަދަލުކޮށްފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ބަދަލާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި މުސާރައާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް ކަމާ ބެހޭ އިދާރާތަކުގައި މީގެ ކުރިން އެދިވަޑައިގެންފައެވެ.






