ތައިލެންޑުގެ ވިސާ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން މިހާރު ރާއްޖެއަށް ދެމުން އައި 60 ދުވަހުގެ ފްރީވިސާ އުވާލައި 15 ދުވަހުގެ މުއްދަތަށް ކުރުކޮށްފި އެވެ.
19 މެއި 2026 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ނިންމާފައިވާ މި ނިންމުމާއެކު، މިހާރު ގައުމުތަކަށް ދެމުންދާ 60 ދުވަހުގެ ވިސާ ފްރީ އުވާލައި، ގައުމުތައް ތަފާތު ކެޓަގަރީތަކަކަށް ބަހާލުމަށް ވަނީ ނިންމާފައެވެ.
މި އިސްލާހުގެ ދަށުން އެންމެ ބޮޑު ބަދަލެއް އަންނާނީ މިހާރު 60 ދުވަހުގެ ވިސާ ފްރީ ލިބޭ 93 ގައުމަށެވެ. މީގެ ބަދަލުގައި 54 ގައުމަކަށް 30 ދުވަހުގެ ވިސާ ފްރީ ދިނުމަށް ނިންމާފައިވާއިރު، މީގެ ތެރޭގައި ވިލާތުގެ ގައުމުތަކާއި، އެމެރިކާ، ޖަޕާން އަދި އަރަބި ބައެއް ގައުމުތައް ހިމެނެއެވެ. މި ބަދަލުގެ މަގުސަދަކީ ގައުމީ ސަލާމަތް ވަރުގަދަކުރުމާއި، އިގްތިސާދީ މަސްލަހަތު ހިމާޔަތް ކުރުމުގެ އިތުރުން ތައިލެންޑުގެ އީ-ވިސާ ނިޒާމު އިތުރަށް ހަރުދަނާ ކުރުންކަމަށް އެގައުމުން ބުނެ އެވެ.
އަލަށް ގެންނަ ބަދަލުތަކުގެ ދަށުން ތިން ގައުމަކަށް 15 ދުވަހުގެ ވިސާ ފްރީ މުއްދަތެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. އެ ގައުމުތަކަކީ ދިވެހިރާއްޖެ، މޮރިޝަސް އަދި ސީޝެލްސް އެވެ. މިއީ ކުރިން ލިބެމުންދިޔަ 60 ދުވަހުގެ މުއްދަތަށްވުރެ ބޮޑު ކުރުވުމެކެވެ. ތައިލެންޑް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިގޮތަށް މުއްދަތުތައް ތަފާތުކުރީ އެކި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށާއި ސިޔާސަތުތަކަށް ބަލައިގެންނެވެ.





