އިސްލާމް ދީންވެސް ބާރު އަޅަނީ އެގޮތަށެވެ. ”މަންމަގެ އުނގުން ފެށިގެން ކަށްވަޅާ ހަމައަށް ދަންދެންވެސް ކިޔަވާށެވެ.“
މީގެ ކުރިން އުމުރުން ދޮށީ މީހުން ކިޔަވައިގެން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދު ނަގާ ވާހަކަ އަޑު އިވެނީ ރާއްޖެއިން ބޭރު މީހުންނެވެ. މަދުމަދުންނެވެ. އެހެން ނަމަވެސް އެހަގީގަތް މިއަދު ހާމަކޮށްދީފައިވަނީ ދިވެހި ރާއްޖެއިން ކިޔަވައިގެން ޑިގްރީ ހާސިލް ކުރި ދިވެހި އަންހެނެކެވެ. އެއީ މާލެއަށް އުފަން އުމުރުން 79 އަހަރުގެ ޚަދީޖާ އަބްދުއްރަހްމާނެވެ.
މިއީ ރާއްޖެއިން އިވުނު އާ ވާހަކަ އެކެވެ. ޚަދީޖާ އަކީ އުމުރުން 79 އަހަރުގައި ޑިގްރީއެއް ދިވެހި ރާއްޖެއިން ހާސިލު ކުރި ފުރަތަމަ އަންހެނާއެވެ. މި ތާރީޚީ ރެކޯޑާއެކު މި ގައުމުގެ ދަރިންނަށް ޚަދީޖާ އެ ދައްކައިދިނީ ކިޔެވުމަށް ވަކި އުމުރެއް ނޯންނާނެ ކަމެވެ. އުމުރުން ދުވަސްވުމަކީ ކިޔެވުން ހުއްޓާލަންޖެހޭ ސަބަބެއްވެސް ނޫންކަމެވެ.
ޚަދީޖާގެ މި ކާމިޔާބީގެ ފަހަތުގައިވަނީ ހިތްދަތި އަދި އެހާމެ ހިތްވަރުގަދަ ވާހަކައެކެވެ.
ޚަދީޖާގެ ކިޔެވުން ކުރިއަށް ދިޔަ ގޮތް ކިޔައިދެއްވަމުން ވިދާޅުވަނީ އޭނާގެ ޒުވާން ދުވަސްވަރު، ރާއްޖޭގެ ތައުލީމީ ނިޒާމު އޮތްގޮތުން، ވަކި އުސޫލުތަކެއްގެ ތެރެއިން ނޫނީ ސްކޫލްތަކަށް ވަނުމުގެ ފުރުސަތެއް ނޯންނަ ކަމަށެވެ. އެހެންކަމުން ޅައުމުރުގައި ރަސްމީ ތައުލީމު ހޯދުމުގައި އޭނާ ބާކީ ވިއެވެ. ނަމަވެސް، ކިޔެވުމަކީ ވަކި އުމުރަކަށް ޚާއްސަ ކަމަކަށް ނުވެ ކޮންމެ އުމުރެއްގައި ވެސް ކިޔެވުމުގެ ދޮރު ހުޅުވިގެން ދިއުމަކީ ޚަދީޖާ އެންމެ ޅައުމުރުން ފެށިުގެން ކުރަމުން އައި އުއްމީދު ހަގީގަތަކަށް ހަދައިދިން މައިގަނޑު ސަބަބެވެ. އޭނާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާ ގުޅުނީ މި އަޒުމުގައެވެ.
ހަދީޖާ އެންމެ ފަހު އަރަބި ފިލާވަޅެއް ކިޔެވީ މީގެ 27 އަހަރު ކުރިންނެވެ. އޭރު އަރަބި އުގެނުނަށް ދެކުނު ހުވަފެން ބުރަ މަސައްކަތާއި ހިިތްވަރާއެކު ހަދީޖާ މިވަނީ ހަގީގަތަކަށް ހަދާފައެވެ.
ހަދީޖާގެ ކިޔެވުން ފެށުނީ 1999 ވަނަ އަހަރު މައުހަދުންނެވެ. އޭގެ ފަހުން 2002 ވަނަ އަހަރު އަރަބި ބަހުގެ ފުރަތަމަ ކޯސް ފުރިހަމަ ކުރިއެވެ. އަދި 2019 ވަނަ އަހަރު އަރަބި ބަހުގެ ލެވެލެ 1 ފުރިހަމަ ކޮށް އޭގެ ފަހުން ހުރިހާ މަރުހަލާތައް ހުރަސްކޮށް މިމަހުގެ 14 ވަނަ ދުވަހު ޑިގްރީގެ ސެޓްފިކެޓް ހޯދި އެވެ.
ޚަދީޖާ ވިދާޅުވި ގޮތުގައި އޭނާގެ ތައުލީމީ ދަތުރަކީ އެހާ އޮމާން އަދި ފަސޭހަ ދަތުރެއް ނޫނެވެ. އަށް ދަރިންނާއި 19 މާމަދަރިން ތިބި ޚަދީޖާ ޑިގްރީގެ މަރުހަލާތައް ކަޑައްތުކުރަމުން ދިޔައީ އާއިލީ ޒިންމާތަކާ ވެސް އެކުގައެވެ. ޚަދީޖާ ބުނި ގޮތުން އެންމެ ބޮޑު ހިތާމައަކާ ކުރިމަތިވީ ޑިޕްލޮމާ މަރުހަލާގައެވެ. އެއީ އޭނާގެ ފިރިމީހާ، މއ. ހަނީސަކްލް އަބްދުއްރަޝީދު އަލީ ބަލިވެގެން އިންޑިއާއަށް ފަރުވާއަށް ދާންޖެހުމުން، ކިޔެވުން މެދުކަނޑާލާފައި ފިރިމީހާގެ ޚިދުމަތުގައި ދާންޖެހުމުންނެވެ. އޭނާގެ ފިރިމީހާ ނިޔާވީ އިންޑިއާގައެވެ.
ފިރިމީހާގެ އެންމެ ފަހުގެ ވަސިއްޔަތަކީ ކިޔެވުން ހުއްޓާނުލާ ކުރިއަށް ގެންދިއުމެވެ.
”އަޅުގަނޑަށް މިކަމުގައި އެންމެ ބޮޑު ހިތްވަރެއް ލިބުނީ އަޅުގަނޑުގެ ފިރިމީހާގެ ފަރާތުން. ފިރިމީހާގެ އެންމެ ފަހު ބަހަކަށް ވެސް ވީ. ކިޔެވުން ތިހުރީ ފެށިފައޭ، ކުރިއަށް ދާށޭ. ތިކަން ހުއްޓާ ނުލާށޭ. އަޅުގަނޑު ފިރިމީހާގެ ބަސް އަޅުގަނޑު އެހީ. އެކަމުން ހިތްވަރު ލިބިގެން އެކަން ހާސިލް ކުރީ،“ ބަސްދީގަތުމުގައި ޚަދީޖާ ވިދާޅުވި އެވެ.
ފިރިމީހާގެ ވަކިވުމުގެ ފުން ހިތާމައިގައި ހުރެމެ، ޚަދީޖާ ކިޔެވުން ފުރިހަމަކުރީ އާއިލާގެ ފުރިހަމަ އެއްބާރުލުމާ ވެސް އެކުގައެވެ. މީގެ އިތުރުން އައިޔޫއެމްގެ މެނޭޖްމަންޓާއި، މުދައްރިސުން އަދި އޭނާއަށްވުރެ މާ ހަގު ކްލާސްކުދިންގެ ފަރާތުން ލިބުނު އެހީތެރިކަން އޭނާ ފާހަގަކުރެއެވެ. ކްލާސްކުދިން ފިލާވަޅުތައް އޮޅުންފިލުވައިދިނުމުގައި ވީ އެހީތެރިކަމަކީ ޑިގްރީ ހާސިލުކުރުމަށް ލިބުނު ބޮޑު ފަސޭހައެއްކަމަށް އޭނާ ބުންޏެވެ.
ޚަދީޖާ ވިދާޅުވި ގޮތުގައި އަރަބި ބަހުން ޑިގްރީ ހާސިލުކުރުމުގެ މައިގަނޑު މަގުސަދަކީ މަގާމެއް ނުވަތަ ވަޒީފާއެއް ހޯދުމެއް ނޫނެވެ. ބޭނުމަކީ ކީރިތި ޤުރުއާން ކިޔަވާއިރު އާއި ނަމާދާއި އެހެނިހެން އަޅުކަން ކުރާއިރު، ކިޔޭ ނުކިޔޭ އެއްޗެއްގެ މާނަ ވަގުތުން ފަހުމް ވުމެވެ.
މެދުކެނޑުމެއް ނެތި ފަސް އަހަރު ވާންދެން އަރަބި ބަސް ކިޔަވައި ޑިގްރީ ހާސިލްކޮށް އުނދަގޫ ދަތުރު ނިންމާލުމަށްފަހު ވެސް ޚަދީޖާގެ ކިޔެވުން ނިންމާލީއެއް ނޫނެވެ. އޭނާ މިހާރު ތައްޔާރުވަމުން ގެންދަނީ ޤުރުއާން ހިތުދަސްކުރުމުގެ ކްލާހެއްގައި ބައިވެރިވުމަށެވެ.
ޝައްކެއްނެތެވެ. ޚަދީޖާ އެ ސާބިތުކޮށްދިނީ އުމުރަކީ ހަމައެކަނި އަދަދެއް ކަމެވެ. ބޭނުންވަނީ ހިތްވަރާއި އަޒުމާއެކު ކުރިމަތިލުން ކަމެވެ. ޚަދީޖާގެ ކެރުމާއި ކުރިމަތިލުމުން މި ގައުމުގެ ދަރިންނަށް އެދައްކައިދިނީ ވަރަށް އަގުހުރި ނަމުނާ އެކެވެ.






