ނޯތު ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާ ހއ. ދިއްދޫ އާއި އޭދަފުށި، އިއްޔެ ހަވީރު ބައްދަލު ކުރި މެޗުން ދިއްދުއަށް މޮޅު ނުވެވި 1-1 އިން އެއްވަރުވެއްޖެއެވެ.
އޭދަފުށީގެ ފުޓްބޯލް ސްޓޭޑިއަމް އަށް ދެ ޓީމު ނިކުތްއިރު ދިއްދޫ ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް, ނޯތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ނަމަވެސް އޭދަފުށިން ވަނީ އަމިއްލަ ރަށުގައި ދިއްދޫއަށް މޮޅުވިޔަނުދީ ދިއްދޫގެ ރެކޯޑު މުގުރާލާފައެވެ.
އިއްޔެގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ އޭދަފުއްޓެވެ. އޭދަފުށިން ލަނޑު ޖެހުމާއެކު ދިއްދޫން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް, ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި މެޗު ނިމިގެންދިޔައީ 1-1 އިން އެއްވަރުވެގެންނެވެ.
މި މެޗަށްފަހު ދިއްދޫއަށް ވަނީ ނޯތުގެ ޗެމްޕިއަންކަމުގެ ތަށި ހަވާލުކޮށްފައެވެ. ދިވެހި ޕްރިމިއާ ލީގުގައި ކުޅުމުގެ އުއްމީދުގައި ދިއްދޫ ދެން ކުޅޭނީ, އެހެން ރީޖަންތަކުގެ ޗެމްޕިއަނުންނާ ދެކޮޅަށް ޕްލޭއޮފްގައެވެ.
ނޯތުގައި ދެން ކުޅުނު މެޗަށް ބަލާލާއިރު ހދ. ހަނިމާދޫ ވަނީ ނ. މަނަދޫ އަތުން 3-2 އިން މޮޅުވެފައެވެ. އެއާއެކު މަނަދޫ މުބާރާތް ނިންމާލީ އެންމެ ޕޮއިންޓެއް ވެސް ނުލިބިއެވެ.





