ވައި ބާރުވެ ކަނޑުތައް ވަރަށް ގަދަވާނެ ކަަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓުން ރީނދޫ ސަމާލު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން އއ. އަތޮޅަށެވެ.
އެ ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ ސަމާލުގެ މުއްދަތު ހަމަވާނީ މެންދުރުފަހު 15:00 އަށެވެ.
މެޓުން އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓުން ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެެހުން ވެސް އެކަށީގެންވާ ކަމަށް ވިދާޅުވެފައި ވެއެވެ. އޭގެ އިތުރުން ދެކުނުގެ ރަށްރަށަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.
މީގެ އިތުރުން ރާޅުގެ އުސްމިންވެސް 4 ފޫޓާއި 7 ފޫޓާ ހަމައަށް އަރާނެ ކަމަށް ލަފާކުރެއެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މެޓް އޮފީހުން ލަފާކޮށްފައި ވާގޮތުން ކުރިއަށް އޮތް ސުކޫލް ބަންދާއި ޢީދު ޗުއްޓީ ހިމެނޭހެން މި މެއި މަހު އެއްކޮށްވެސް މޫސުން ވަރަށް ގޯސްވާނެއެވެ.
އެހެންކަމުން ، މޫސުމަށް ބަލައި އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ނޫނީ ކަނޑުމައްޗަށް ނޭރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ވާރޭވެހި ފެން ބޮޑުވެދާނެތީވެ އެކަމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.






