މިއަހަރުގެ ފެބްރުވަރީއާއި މާރިޗުގައި އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.
އެ އިމްތިހާނުގައި މި އަހަރު 8،218 ދަރިވަރުން ބައިވެރިވިއެވެ. މާލޭގައި 21 ސެންޓަރެއްގައި އޯލެވެލް ހެދިއިރު، އަތޮޅުތެރޭގައި 246 ސެންޓަރެއްގައި އެ އިމްތިހާނު ހެދިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން ބުނި ގޮތުގައި، އެ ނަތީޖާތައް ދޫކުރަން ފެށީ މިއަދު 12:00 ގައެވެ.
މި ގޮތުން، އަމިއްލަ ގޮތުން އޯލެވެލްގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ހޯދުމަށް އެހެން މީހަކު ފޮނުވާނަމަ، ދަރިވަރުގެ އައީޑީކާޑާ ހަވާލުވާ މީހާގެ އައިޑީކާޑު ގެންދަން ޑީޕީއީއިން އިރުޝާދު ދީފައިވެއެވެ.
މިހާރު ނަތީޖާ ދޫކުރަނީ، މި އަހަރު ފުރަތަމަ އޯލެވެލް ހެދި ދަރިވަރުންގެއެވެ. މި އަހަރުގެ އޮކްޓޯބަރު، ނޮވެންބަރުގައި ގްރޭޑު ދިހައެއްގައި މިހާރު ކިޔަވާ ދަރިވަރުން އޯލެވެލް ހަދާނެއެވެ.
މިއަހަރުގެ އޯލެވެލް އިމްތިހާނަކީ ސަރުކާރުން އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް ގެނައި މުހިންމު ބަދަލުތަކަކާއެކު ބޭއްވުނު ފުރަތަމަ އިމްތިހާނެވެ. 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ގެނައި މި ބަދަލާއެކު، މަޖުބޫރު ހަތަރު މާއްދާ ކަމަށްވާ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާގެ އިމްތިހާނުގައި ހުރިހާ ދަރިވަރުން ފުރިހަމައަށް ބައިވެރިވުމާއެކު، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ވަނީ ހަމަޖައްސާފައެވެ.
އާ އުސޫލުގެ ދަށުން، ސްކޫލްތަކުން ބާއްވާ މޮކް އިމްތިހާނުން ފާސްނުވި ނަމަވެސް، އޯލެވެލްގެ މަޖުބޫރު މާއްދާތަކުގައި ބައިވެރިވުން ކޮންމެ ދަރިވަރަކަށްވެސް މިހާރު ލާޒިމްވާނެއެވެ. މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުގައި އޮންނަ ގޮތުން، މަޖުބޫރު މާއްދާއަކުން މޮކް އިމްތިހާނުން ފާސްނުވެއްޖެނަމަ، އެ ދަރިވަރަކު އޯލެވެލް އިމްތިހާނުގައި ބައިވެރިވާން ޖެހެނީ އަމިއްލަ ޚަރަދުގައި ފައިސާ ދައްކައިގެންނެވެ.






