ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ކިހާ ހިސާބެއްގައި ހެއްޔެވެ. ކޮންމެ ހިސާބެއްގައި އޮތަސް އެސަރަހައްދު ފަހަނައަޅައި ހިނގައްޖެނަމަ އެހުރަސް ކުރެވުނީ ރަތް ރޮނގެވެ. އެހިސާބަށް ދިޔުން ގޯހެވެ. އަޅުގަނޑުމެންގެ ދީން ހުއްދަ އެއް ނުކުރެ އެވެ. ގާނޫނު މަނާ ކުރެއެވެ. އިސްލާމީ މުޖްތަމައު ބިނާވެފައި އޮންނަން ވާނެކަމަށް އަޅުގަނޑުމެންނަށް ދަސްވެފައި އޮންނަނީ އުޚުއްވަތްތެރިކަމާއި އެކަކު އަނެއްކެއްގެ ކިބައިން އަމާންކަން ލިބިގެންވާ މުޖްތަމައެއްްގެ ގޮތުގައެވެ. ހުކުރު ދުވަހުގެ ޚުތުބާގައިވެސް އެންމެ ގިނައިން ދައްކާވާހަކަ އަކީ ވެސް އެއީ ނޫންތޯއެވެ.
ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގައި ނޫސްވެރިކަމުގެ މިނިވަންކަމަކީ އަސާސީ ހައްގެކެވެ. އެހައްގަށް އަރައިގަނެގެން ނުވާނެ އެވެ. އެކަމަކު އަސާސީ ހައްގޭ ކިޔައިގެން ބޭނުންހައި އެއްޗެއް މިނިވަން ކަމުގެ ގަލަމުން ލިޔެވިދާނެ ހެއްޔެވެ. އެގަލަމަކީ މުޖްތަމައު ފަސާދަކުރުމާއި މީސްމީހުންގެ އަބުރު ކަތިލަން ބޭނުންކުރާ ހަތިޔާރަކަށް ހެދިދާނެ ހެއްޔެވެ.
ގާނޫނު އަސާސީގެ 27, 28, 33 ވަނަ މާއްދާގައި އޮންނަނީ މިހެންނެވެ.
27 ވަނަ މާއްދާ: އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
28 ވަނަ މާއްދާ: ޚަބަރާއި މަޢުލޫމާތާއި ފެންނަ ގޮތްތަކާއި ޚިޔާލުތައް ފެތުރުމުގެ މިނިވަންކަން ނޫސްވެރިކަމަށް ލިބިގެންވެއެވެ.
33 ވަނަ މާއްދާ: ކޮންމެ މީހަކަށްމެ އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވެއެވެ.
ވަރަށް ސާފުކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައި އެއޮތީއެވެ. އެކަމަކު އިންފާރެއް ލާފައެވެ. އެއީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާނެ ގޮތުގެ މަތިންނެވެ.
ގާނޫނުން ދީފައިވާ މިނިވަންކަމުގެ ތަރަހައިގެ ތެރޭގައި ތިބެގެން ލިޔަންވީއެވެ. ބޭނުން އެއްޗެއް ބޭނުން ގޮތަކަށް ކޮށާ މަށައި އޮފު އަރުވައިގެން ބޭނުން ބައްޓަމެއް ގެންނަންވީ އެވެ. ފާޑުވެސް ކިޔަންވީއެވެ. ސަރުކާރަށާއި ސަރުކާރުން ކުރާ ކަންކަމަށްވެސް ފާޑު ކިޔުމުގެ ދޮރު އެއޮތީ ތަންމިނަށް ހުޅުވާލާފައެވެ.ނުބައިކޮށޤ ހިނގާ ކަންތައް ރަނގަޅުކުރުމަށް ފެންނަ ޚިޔާލެއްވެސް ދޭންވީ އެވެ.
މިހާ ރީތިކޮށް ކުރިއަށް ދެވޭން އޮތް މަގެއްގައި ތިބެގެން ބައެއް ނޫސްވެރިން އެބަ މަގު އޮޅުވާލައެވެ. ގަސްދުގައެވެ. ގާނޫނުގެ އަތްނުފޯރާ ހިސާބުކަމުގައި ބަލައިގެން ކަމަށް ވެދާނެއެވެ. ހިތަށް އެރިހައި އެއްޗެއް ހިތަށްއެރި ގޮތަކަށް ލިޔަމުން ގެންދަނީ އެހެންވީމާ ތާއެވެ. އެކަމަކު އެލިޔުނު އެއްޗެއްގެ ގޮތުން އެމީހުންށް ގާނޫނު އަރާ ހަމަކުރާއިރަށް އެއްބަޔަކު ނުކުމެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގެންފިޔޭ ގޮވަމުން ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރެ އެވެ. ދެކޮޅުޖެހޭ ހެއްޔެވެ؟
ނޫސްވެރިކަމުގެ މިނިވަން ކަމުގެ ވާހަކައާއި ނޫސްވެރިންނަށް ގޯނާ ކުރާ ވާހަކަ މިދުވަސްވަރު އަނެއްކާވެސް ތަންކޮޅެއް ގަދައަށް އެބަ ދެކެވެ އެވެ. މިދިޔަ ހޯމަދުވަހުގެ ރޭ އޮންލައިން ނޫހެއް ހިންގާ އޮފީހަށް ފުލުހުން ވަދެ އެތަން ރެއިޑް ކުރުމާ ގުޅިގެންނެވެ. ސުވާލަކީ އެތަނަށް ޕޮލިސް ވަންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ. އެއީ އިސްވެ ދެންނެވިހެން ކަނޑައަޅާފައިވާ ސަރަހައްދުން ބޭރުވެ ރަތް ރޮނގު ހުރަސް ކުރުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އަކީ އާދައިގެ މީހެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް ތާއަބަދު ފުރައްސާރަކޮށް ސާބިތުނުހިފޭ ދޮގު ވާހަކަ ފެތުރުމަކީ މިނިވަން ނޫސްވެރިކަމެއް ނޫނެވެ. އެއީމި ގައުމުގެ ވަލިއްޔުލްއަަމްރެވެ. ގައުމުގެ އެންމެ މަތީ ވެރިޔާ އެވެ. ރައްޔިތުންގެ ވޯޓުން އިންތިޚާބު ކޮށްފައިވާ އިއްޒަތާއި ގަދަރު އުފުލިގެންވާ މި ގައުމުގެ ރައީސެވެ. އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާ ޚިލާފު އެތައް ތުހުމަތުތަކެއް އެތައް ދުވަހެއް ވަންދެން ދިޔައީ އަޅުވަމުންނެވެ. އެންމެ ފަހުން ހައްދުފަހަނައަޅައި ދިޔައީއެވެ. އެމަނިކުފާނުގެ މައްޗަށް ގަޒުފްގެ ތުހުމަތުކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން އެ ނޫހުގެ އިދާރާއަށް ވަދެ ތަހުގީގު ކުރުމަކީ ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ.
ރައީސަށް ކުރެވޭ މި ބޮޑު ތުހުމަތުތަކާ ގުޅިގެން ދީނުގައި އެކަން އޮންނަ ގޮތް ސާފުކޮށްދެއްވުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވަނީ މިހެންނެވެ.
”ގަޒްފު ކުރުމަކީ ކުރުމަކީ މިނިވަން ނޫސްވެރިކަމެއް ނޫންކަން ވަރަށް އިޙްތިރާމާއި އެކު ދަންނަވަން! ގަޒްފުކުރުން ނޯމަލައިޒް ކުރެވިގެން ނުވާނެ! ކުރަން ޖާގަދީގެންވެސް ނުވާނެ! އެއީ އެކަމަކަށްޓަކައި ޙައްދެއް ޝަރުޢުކުރެވިގެން އައިސްފައިވާ ކަމެއް!“
މި ސަރުކާރުގެ މިނިސްޓަރަކު އެކަން ކުށްވެރި ކުރައްވަމުން ވިދާޅުވަނީ ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާކަމަށް ވީހިނދު، އެމަނިކުފާނާ ސުވާލުކުރުމުގެ ޖާގަ އޮތް ނަމަވެސް، އޭގެ ބަދަލުގައި އަހުލާގީ މިންގަނޑުން ބޭރުވެ އާއިލާތަކަށް މަގުމައްޗަށް ނިކުމެ އުޅެން ދަތިވާ މިންވަރަށް ކަންކަން ގެންދިއުމަކީ މިނިވަންކަން ނޫން ކަމަށެވެ. ހަމައެހެންމެ އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމުގައި ފާޑުކިޔުމާއި ބަހުސްކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ފިލާ ތިބެގެން މީހުންގެ އަބުރާ ބެހުން އެއްވެސް ގައުމެއްގައި ހުއްދަ ނޫންކަމަށް ވިދާޅުވި އެވެ. ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކުޑަކުދިންނަށް އަމާޒުކޮށް ކުރާ ފުރައްސާރައަށް އިޝާރާތް ކުރައްވައި، އަމިއްލަފުޅު ދަރިފުޅަށާއި ރައީސްގެ ބޭފުޅުންނަށް ކުރިމަތިވި މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން އެ ކުދިންގެ ހައްގުތައް ގެއްލިގެންދާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މަދު ނޫސްވެރިންކޮޅެއްގެ ސަބަބުން މުޖުތަމަޢުގެ އަދަބު އަޚްލާގާއި އިތުބާރު ގެއްލި، މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ހުތުރު ނަން ލިބެމުންދެއެވެ. މަދުން ނަމަވެސް މުޖްތަމައު ފަސާދަކުރާ، ނޫސްވެރިކަން އަމިއްލަ އެދުމަށް ކުރާ ބަޔަކު އެބައުޅޭކަން އެންމެންވެސް ދަނެއެވެ. އެމީހުން މަސައްކަތްކުރަނީ ރީތިކޮށް އުޅެމުން އައި ބައެއްގެ ތެރޭގައި ހަމަނުޖެހުން އުފައްދައި އެކަކަު އަނެކަކާ ދެކޮޅުވެރިކަމާއި ހަސަދަވެރިކަން އުފައްދައި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަން ނަގާލާށެވެ.
ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ތަކެތި ހޯދުމަށް އެނޫހުގެ އިދާރާއަށް ވަނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ގިނަ ބަޔަކު އެކަމަށް ތަރުހީބު ދެއެވެ. ގާނޫނީ ވެރިކަން ދެމެހެއްޓުމަށް ފުލުހުން އެއަދާކުރަނީ ގައުމީ ވާޖިބުކަމުގައި ގަބޫލު ކުރެއެވެ. ނަމަވެސް ހަމައާއި އިންސާފުން ބޭރުން ރާއްޖޭގެ ރައީސުމްޖުމްހޫރިއްޔާގެ މައްޗަށް އެފަދަ ބޮޑު ތުހުމަތެއް ކުރެވޭއިރު އެމައްސަލައިގެ ތަހުގީގަށް ފުލުހުން ބޭނުންވާ މައުލޫމާތު ހޯދަން އެއިދާރާއަށް ވަނުމަކީ ނޫސްވެރިކަން ކަފުން ކުރުން ކަމުގައި ދެކޭ މަދު ބައެއްގެ ގާތު ދައްކާނެ އިތުރު ވާހަކައެއް ނޯންނާނެ އެވެ.
”މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދިން އެންމެ ބޭނުންވި ހައްގު ކަމަށްވާ ‘މިނިވަން ނޫސްވެރިކަން’ ކަފުންކުރުމެވެ. އަދި މިކަމާ މެދު އެހެން ނޫސްތަކުން އަޅާނުލައި ތިބެފިނަމަ މާދަމާ މި ނުރައްކާ އެހެން ނޫސްތަކަށް ވެސް އޮތް ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.“ ޝަފާޒް ކިޔާ މަޝްހޫރު ސިޔާސީ އެކްޓިވިސްޓަކު ބުނެފައިވެ އެވެ.
ނުބައި ކަންކަމަކީ ނުބައިކަން ކަމުގައި ގަބޫލު ކުރަން ބޭނުންނުވާ ބަޔަކު މި މުޖްތަމައުގައި އުޅެއެވެ. ބައެއް މަދު ނޫސްވެރިންވެސް ހިމެނެއެވެ. ނޫހެއްގެ އިދާރީ އޮފީހަށް ފުލުހުން ވަދެގަތް ވާހަކަ ބައެއް ނޫހުން ސިފަކުރީ ނޫސްވެރިންނަށް ދިން ހަމާލާ އެއްކަމުގައެވެ. އަނެއް ބަޔަކު ސިފަ ކުރީ އެމީހުންގެ އަޑު ކަނޑުވާލުމަށް ދެއްކި ބިރެއްގެ ގޮތުގައެވެ. އެނޫހުގެ އިދާރާ އަށް ވަންނަން ޖެހުނީ ވަންނަން ޖެހޭ ހާލަތަށް ގޮސްގެން ކަމަށް މި މީހުންނަށް ގަބޫލެއް ނުކުރެވުނެވެ.
”އެހެންނަމަވެސް ދަންނަވަންތޯ! ނޯ! އަޅުގަނޑުމެންނާ ދިމާކުރަން ނަހައްދަވާތި، ވަޑައިގެން ތިޔަ ކަންތައްތައް ކުރައްވަން ނަހައްދަވާތި، ނޫސްވެރިކަމުގެ މިނިވަންކަން ނަގާލަން ނުހައްދަވާތި، އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން، އަޅުގަނޑުމެން ދާނީ ކުރިއަށް، ވަރަށް ބާރަށް ކުރިއަށް.“ ކުރީގެ ރައީސް ނަޝީދު އިންޒާރުދެއްވީ މި އިބާރާތުންނެވެ.
ގަބޫލު ކުރައްވާށެވެ. ނޫހެއްގައި ބުނިގޮތަށް ފުލުހުން ނުކުމެ ނޫހެއް ހުއްޓުވީ އެއް ނޫނެވެ. ފުލުހުން ނުކުމެ އެނުބައި އަމަލު ހިންގި ނޫސްވެރިންގެ ކިބައިން އެކަން އިތުރަށް ފެތުރުނު ނުދުިނުމުގެ ގޮތުން ރެއިސްކުރަނީ އެވެ. ހޯދަނީ އެވެ.
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތީއެއް ނޫނެވެ. ނެތީ ބޭނުންހައި އެއްޗެއް ލިޔެ އުޅުމުގެ މިނިވަން ކަމެވެ. އަބުރާ ބެހުމަކީ ދީނުގައި މަނާ ކޮށްފައި އޮތް ކަމެކެވެ. އެއީ އަހަރެމެންގެ މެދުގައި މުވާސާތާއި ހަމަހަމަކަމާއި އަޚުވަންތަ ކަން ގާއިމު ވެފައި އޮތުމަށެވެ. މުސްލިމަކީ އަނެއް މުސްލިމުގެ އަތާއި ދުލުގެ ނުބައި ކަމުން ސަލާމާތްވެފައިވާ މީހާއޭ ހަދީސް ކުރައްވާފައިވަނީ އެހެން ވެގެންނެވެ.






