އުތުރުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވީ އެ ހާދިސާ ހިނގި ރަށުގެ މީހަކު އެ މަންޒަރު ފެންނަ ފޮޓޯތަކެއް ނަގާ އާންމު ކުރުމުންނެވެ. އެ މީހާ ވަނީ ހުކުރަށް ދިޔަ މަގުމަތީގައި އެ މަންޒަރު ފެނުމުން ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަށް ފޮޓޯ ނަގާ ހިއްސާކުރީ ކަމަށް ބުނެފަ އެވެ.
ފުލުހުން ދެންމެ ބުނީ މިއީ އަޕަރ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި ހިނގި ހާދިސާއެއް ކަމަށެވެ. އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު 13:10 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ބުންޏެވެ.
މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ލީކުވެފައިވާ އެ ވީޑިއޯގައި ކުޑަ އަންހެން ކުއްޖަކު ގަހަކާލައި، އަތް ބަނދެފައިވެއެވެ. އަދި ސަލާމަތްވުމަށް އެ ކުއްޖާ މަސައްކަތްކުރާ މަންޒަރު ވެސް ފެނެއެވެ.






