ނައިފަރަށް ވާރޭ ނުވެހި ގިނަދުވަސްވެ ފެނަށް ދަތިވުމާއި ގުޅިގެން އެރަށުގައި މިއަދު ހެނދުނު އިސްތިސްޤާ ނަމާދު ކޮށްފި އެވެ.
ނައިފަރު ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ރަށުގައި ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމާއި ގުޅިގެން ގޭގެއިން ބޯފެން ހުސްވެ ވަރަށް ބޮޑަށް ފެނަށް ދަތިވެފައިވާ ކަމަށެވެ. އެހެންކަމުން މިއަދު ހެނދުނު 7:00 ޖަހާއިރު އިސްތިސްޤާ ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށާއި މިނަމާދުގައި ނައިފަރުގެ ވިހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ނައިފަރު ކައުންސިލުން އެދިފައިވެއެވެ.
ނައިފަރު ކައުންސިލުން ބުނީ މި ނަމާދު ކޮށްފައިވަނީ ނައިފަރުގެ މަސްޖިދުއްތަޤްވާގައި ކަމަށާއި މިނަމާދު ކުރުމުގައި ވަރަށް ގިނަ ރައްޔިތުން ބައިވެރިވި ކަމަށެވެ.
ކައުންސިލުން ވިދާޅުވީ ނައިފަރުގައި ވާރޭ ނުވެހޭތާ ވަރަށް ގިނަ ދުވަސްވެފައިވާކަމަށާއި މި އަހަރު އަދި އެރަށަށް ވާރޭ ފެން ނެގޭ ވަރަށް ވާރޭ ވެހިފައި ނުވާކަމަށެވެ. އެކަމުގެ ސަބަބުން އެރަށު ރައްޔިތުން ބޭނުން ކުރަނީ މިނެރަލް ފެން ގަނެގެން ކަމަށާއި އެކަމަށް ރައްޔިތުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާކަމަށެވެ.
ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށް ވާއިރު މިހާރު އެރަށުގައި މިނަރަލް ފެން ގަންނަން ލިބުންވެސް ދަތިވެފައިވާތީ މިއީވެސް ރައްޔިތުންނަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމެއްކަމަށް ކައުންސިލުން ހާމަކުރި އެވެ.