ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އިތުރުކޮށްފިއެވެ.
ތުޅާދޫ އާއެކު ތ ވިލުފުށީވެސް ހިމަނައިގެން މި ދެ ރަށުގެ ހައުސިން ޔުނިޓުތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް މިހާރު ވަނީ އިތުރުކޮށްފައެވެ. ފޯމު ހުށަހަޅަން ޖެހެނީ “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށެވެ. މީގެކުރިން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިއަދެވެ.
ތުޅާދޫގައި އަޅާފައިވާ ފުލެޓުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އެ ރަށުގެ ރަށްވެހިންގެ އިތުރުން، އެ ރަށަށް ހިޖުރަކޮށް މެދުކެނޑުމެއް ނެތް ގޮތުގައި 10 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީގެ އުސޫލުގައިވެއެވެ.
ނަމަވެސް، މި ހައުސިން ޔުނިޓުތަކަށް އަލުން ކުރިމަތިލާން ހުޅުވާލުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޕާޓީން ތުހުމަތުކުރާ ގޮތުގައި، ކުރީ ސަރުކާރުން އެކުލަވައިލި ދާއިމީ ލިސްޓު ބާތިލުކުރުމަށްފަހު އަލުން ފޯމު ހުޅުވާލީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށެވެ.
މި މަޝްރޫއުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހަޅަންޖެހޭނީ “ހިޔާވަހި ޕޯޓަލް” މެދުވެރިކޮށެވެ.
ތުޅާދޫގެ ހައުސިން ޔުނިޓުތައް ދޫކުރުން ލަސްވުމުގެ ސަބަބުން، މިދިޔަ ސެޕްޓެމްބަރު މަހު އެ ރަށުގެ ރައްޔިތުން ވަނީ ކައުންސިލް އިދާރާ ދޮށުގައި މުޒާހަރާކޮށް، އެތަނުގެ މަސައްކަތްތަކަށް ހުރަސްއަޅާފައެވެ.
އެ މުޒާހަރާތަކާ ގުޅިގެން ކައުންސިލުން އޭރު ވަނީ ޕޮއިންޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެއް އާންމުކޮށްފައެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ވަނީ އެ ލިސްޓު ބާތިލުކޮށް، އާ އުސޫލެއްގެ ދަށުން ކުރިމަތިލާން ހުޅުވާލާފައެވެ.
މިދެ ރަށުގައި ގާއިމްކޮށްފައިވާ 100 ހައުސިން ޔުނިޓަކީ 3 ކޮޓަރިއާއި 3 ފާހާނާ އާއި ބަދިގެ އާއި ސިޓިން ރޫމު ހިމެނޭ ހައުސިން ޔުނިޓު ތަކެކެވެ. މި ޔުނިޓުތަކަކީ 2002.09 އަކަފޫޓުގެ ބަންގާރަ ގޯތީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކެކެވެ.







