މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

asha-bhosle-1600-1-1.webp

ހިންދީ ފިލްމްތަކަށް ޚާއްސަކޮށް ރީތި ލަވަތަކެއް ކިޔާދީފައިވާ އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އާޝާ ބޯޝްލޭ އުމުރުން 92 އަހަރުގައި މިއަދު މަރުވެއްޖެއެވެ.

އޭނާ މަރުވީ މޭގައި އުފެދުނު އިންފެކްޝަނަކަށް މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އޭނާ މަރުވި ޚަބަރުނދެމުން ދަރިފުޅު އާނަންދު ބޯސްލޭ ބުނީ، އާޝާ މިހާރު ދުނިޔޭގައި ނެތް ކަމަށާއި، އޭނާގެ އެންމެ ފަހުގެ ރަސްމިއްޔާތުތައް އޮންނާނީ މާދަމާ ހަވީރު 4:00 ގައި މުމްބާއީގެ ޝިވާޖީ ޕާކުގައި ކަމަށެވެ.

އޭނާގެ މާމަދަރިފުޅު ޒަނާއީ ބޯސްލޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާޝާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ “ވަރަށް ބޮޑަށް ވަރުބަލިވެ، މޭގައި އިންފެކްޝަނެއް އުފެދުމުގެ ސަބަބުން” ކަމަށެވެ.

އަށްޑިހަ އަހަރަށްވުރެ ދިގު މުއްދަތެއްގައި މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވި އާޝާގެ މަރާއެކު، އޭނާގެ ލަވަތައް އަޑުއަހައިގެން ބޮޑުވި އެތައް މިލިއަން ބަޔަކަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ.

އާޝާ އެންމެ ފުރަތަމަ ފިލްމީ ލަވައެއް ކިޔާފައިވަނީ އުމުރުން އެންމެ 10 އަހަރުގައެވެ. އެއީ 1943 ވަނަ އަހަރު ނުކުތް މަރާޓީ ފިލްމު “މާޖާ ބާލް” އަށް ކިޔައިދިން “ޗަލާ ޗަލާ ނަވް ބާލާ” އެވެ. އާޝާގެ ލަވަކިޔުމުގެ ހަޔާތުގައި ކިޔާފައިވާ ފުރަތަމަ ހިންދީ ރީތި ލަވަތަކުގެ ތެރޭގައި ”ޖާއިޔޭ އާޕް ކަހާން ޖާއީޔޭ ” އަދި ”ދިލް ޗީޒް ކިޔާ ހޭ” ފަދަ ޣަޒަލްތައް ހިމެނެ އެވެ. މީގެ އިތުރުން “ޕިޔާ ތޫ އަބް ތޯ އާޖާ”، “ކަޖްރާ މޮހައްބަތު ވާލާ” އަދި “ރަންގީލާ ރޭ” ފަދަ ލަވަތަކަކީ އޭނާގެ އެންމެ ކާމިޔާބު ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވަތަކެވެ.

ދެ ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އާޝާ އަކީ އިންޑިއާގެ އަންހެން ރަންއަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރްގެ ކޮއްކޮ އެވެ. ލަތާ ވަނީ އުމުރުން 92 އަހަރުގައި ފެބްރުއަރީ 6، 2022 ގައި މަރުވެފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top