ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމެންޓެއް ގެނެސް މާކެޓަށް ނެރެފައިވާ ކަމަށް އެސްޓީއޯ އިން ހާމަކޮށްފި އެވެ.
މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭސްއިން ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކިއެވެ. އަދި، މަދުން ގޭސް ލިބުމާއި ގޭސް ލިބުން ލަސްވުމުގެ ޝަކުވާތައް ވެސް ފެންމަތިވިއެވެ.
ގޭސް ލިބުމުގައި މިފަދަ ދަތިތަކެއް ހުރިކަމުގެ ކަންބޮޑުވުން ހުއްޓައި، ގޭސް ވިއްކާ އަމިއްލަ ކުންފުނިކަމަށްވާ، ވިލާއިން ވަނީ މާދަމާއިން ފެށިގެން އެ ކުންފުނިން ގޭސް ވިއްކާ އަގުބޮޑުކުރަން ނިންމައިފައިވާކަމަށް ވެސް ބުނެފައެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެއްޖެއްގައި އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، ގޭހުގެ އައު ޝިޕްމެންޓެއް 7 އޭޕްރިލް ވީ އަންގާރަ ދުވަހު ލިބިފައިވާ ކަމަށާއި މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ލިބޭނެ ކަމަށެވެ.
މިދިޔަ ހަފުތާތަކުގެ ތެރޭގައި ގޭހުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން، މޯލްޑިވް ގޭހުން ވަނީ ގޭސް ވިއްކުން ލިމިޓްކޮށްފައެވެ. އެގޮތުން 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުން ދިޔައީ 5 ކިލޯގެ ގޭސް ފުޅިއެވެ.
މިހާރު އައު ޝިޕްމެންޓް ލިބުމާއެކު މޯލްޑިވް ގޭސް އިން އަންނަނީ ކުރިއެކޭ އެއްފަދައިން ގޭސް ވިއްކަމުންނެވެ.
އެސްޓީއޯއިން ވަނީ، ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި، މިކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.






