ގޮނޑެއްގައިވެސް ޖަވާހިރެއް އޮވެދާނެއެވެ. ޖަވާހިރު ވަކިކުރަން ނޭނގޭ މީހަކަށް އޭގެ އަގެއް ނޭނގޭނެއެވެ. އޭދަފުށި ލޮނުވެލި، ޖިނާން އިބްރާހީމަކީވެސް އެފަދަ ޖަވާހިރެކެވެ. ގެއްލިފައި އޮތް ޖަވާހިރެކެވެ. އޭނާގެ އަގު އެނގުނީ ގޭތެރެއިން ނުކުމެ ރައްޔިތުންނާ ހަމައަށް ނުކުތުމުންނެވެ.
އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޖިނާން ކުރިމަތިލީ ވަގުތަށް ވުރެ ފަހުންނެވެ. އާއެކެވެ. ޒުވާން އުމުރު ފަސްދީ ދިޔަ ފަހުންނެވެ. އެކަމަކު އޭނާ ދެކެނީ މިއީ ރަނގަޅު ވަގުތު ކަމުގައެވެ. ދިރިއުޅުމުގެ ހާސްކަން ފިލައި ގައުމީ ޚިދުމަތަށް ނުކުންނަން އެންމެ ރަނގަޅު އުމުރުގެ ގޮތުގައެވެ. ތަފްސީލަކަށް ނުދިޔައެވެ. ބުނެލީ މިހެންނެވެ. ޝައުގު ހުރުމާއެކު، ބޭނުންވީ ރައްޔިތުން އޭނާ ބަލައިގަންނަނީ ކިހާ ވަރަކަށްތޯ ބަލައިލުމަށް، ނަސީބު ވަކަރަށް ޖަހާލާށެވެ. އޭދަފުށީ އަންހެނުން މިހާރު އޮތް ހާލަތުން އާ އުސްމިން ތަކަކަށް ގެންދިއުމުގެ ނިޔަތުގައި ރަސްމީ ގޮތުން ބައިވެރިވާށެވެ. އެކަމަކު ފުރަތަމަ ނަޒަރުން އޭނާދެކެ ރައްޔިތުން ވީ ލޯތްބާއެކު ޖިނާނަށް ރައްޔިތުން ދިނީ މިހާރުގެ ބަހުން ބުނާނަމަ ސަޕްރައިޒެވެ. ހީވެސް ނުކޮށްހުރި ބޮޑު ތާއީދަކާއެކު މުޅިން އަލަށް ކުރިމަތިިލި ޖިނާން މި މަގާމު ކަށަވަރު ކުރީ އޭނާއަށް ވުރެ ތަޖްރިބާހުރި އެހެން މެންބަރުން ފަހަތަށް ޖައްސާލާފަ އެވެ. މީގެ ކުރިން އެހެން މީހަކަށް ނުހޯދޭ ރެކޯޑަކާވެސް އެކުގަ އެވެ.
ރައްޔިތުން އޭނާއަށް ލޯތްބާއެކު ވެދުން ކުރި ވޯޓުން ކުރި ހޯދި ޖިނާންގެ ކާމިޔާބުގެ ސިއްރަކީ ކޮބާ ހެއްޔެވެ؟
=====================================================
މޮޅު ފެހުންތެރި އެކެވެ. ރީތިކޮށް ހެދުމެއް ފަހާލަން ބޭނުންނަމަ އޭދަފުށީ މީހުންގެ ފުރަތަމަ ހޮވުމަކީ އޭނާއެވެ. އެންމެންވެސް ބޭނުންވަނީ އޭނާގެ އަތުގެ ޖާދޫ އެވެ. ހެދުން ގަޔަށް ވައްޓާލާއިރު ބުނާނެ ކަމެއް ނޯވެއެވެ. އެހެންވެ އަބަދުވެސް ދިގު ކިޔުއެއް އޮވެއެވެ. އެކަމާ ކަންބޮޑުވެއެވެ. ބޭނުންވާ ވަގުތަށް ނިންމައިދިނުމަށް ބޭނުން ވެއެވެ.ހުރިހާ ޗަސީލަތތްތަކެއް ފުރިހަމަވެފައި ހުއްޓަސް ބޭނުންވާ ވަރަށް ނުލިބޭ އެއްޗަކީ ވަގުތެވެ. ފެހުމުގެ މަސައްކަތާ ދުރުވެ އެހެރީ އެހެން ވެގެންނެވެ. ސިއްހީ މައްސަލަ ތަކެއްވެސް މެދުވެރިވެގެން ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށެވެ. އެހެން ނަމަވެސް މަސައްކަތެއް ނުކޮށް ހިމޭނުން ހުރުމަކީ އޭނާގެ ތަބީއަތާ އެހާ ރައްޓެހި ކަމަކަށް ނުވާތީ ދެން ފެށީ މީރު ހެދިކާއެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ”މުރުމުރު“ ހަދާށެވެ. އެކަންވެސް ވައިގާ ހިފީ ހަމަ ވަގުތުންނެވެ. މީހުން ބެލީ އޭގެ ރަހައަށް ވުރެ ކުރިން އުފައްދާ މީހާ އަށެވެ. ޖިނާންގެ އުފެއްދުމަކަށް ވާތީ ސުވާލެއް ނުއުފެދެ އެވެ. ފުރަތަމަ އުފެއްދުން ވެސް ވައިބާ ގްރޫޕަށް ލުމާއެކު ހުސްވާން ނެގީ މަދު މިނިޓް ކޮޅެކެވެ. ދެން ޖެހުނީ ސޯލްޑް އައުޓް މެސެޖް ލިޔާށެވެ. މިއީ ހަމަ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ތައްޔާރު ކުރެވޭނީވެސް ކޮންމެވެސް ވަރަކަށްތާއެވެ. ފެކްޓަރީ އެއް ނޫނެވެ. އަމިއްލަ އަތުން ހުރިހާ ކަމެއް ކޮށްގެން ތައްޔާރު ކުރުމަށް ވަގުތުވެސް ނަގާނެ އެވެ. އެކަމަކު މީހުން އެގޮތް ގަބޫލު ނުކުރަނީއެވެ. އެހެންވެ ބައެއް ފަހަރު މީހުންގެ ނުރުހުމާ ކުރިމަތި ލާން ޖެހެއެވެ. އަނެއްކާ އޭނާއަކީ ހަތަރު ކުދިންގެ މަންމައަކަށް ވާތީ ދަރިންނަށް ދޭން ޖެހޭ ވަގުތާމެދު އިހުމާލު ވެވޭކަމުގެ އިހުސާސް ކުރެވެން ފެށުމުން ދެން ބެލީ އާއިލާއަށް ދޭން ޖެހޭ ވަގުތުވެސް ދީގެން ވާވަރަކުން ކުރިއަށް ދާށެވެ.
”މީހުން ބޭނުންވާ ވަރަށް ތައްޔާރު ކުރެވޭތޯ ބަލަން. އެކަމަކު އެކަމެއް ނުވި. ގޭތެރޭގެ މަސައްކަތާ ފިރިމީހާއާއި ދަރިންނަށް ވަގުތު ދިނުމަކީ އެންމެ އިސްކަން ދޭންޖެހޭނެ ކަންތައް ކަމުގައި ބަލަނީ. އެހެންވެ މިހާރު މިއުޅެނީ މުރުމުރު ހެދުން މަދު ކޮށްލައިގެން. އޭގެ މާނައަކީ ހުއްޓާލީއެއް ނޫން. ފެހުމުގެ މަސައްކަތްވެސް މިހާރުވެސް ކޮންމެވެސް ވަރަކަށް ކުރަމުން މިދަނީ“ ހަތަރު ކުދިންގެ މަންމަ ބުނީ މިހެންނެވެ.
ކިތަންމެ ކުރާ ހިތްވިޔަސް ކޮމެޓީއަށް އިންތިޚާބު ވުމުން ދެންޖެހޭނީ އެހެންކަންކަން ހުއްޓާލާކަށް ނޫންހެއްޔެވެ. ޖިނާން ބުނިހެން އެކަމަށް ބޭނުންވާ ވަގުތު، ރަސްމީ މަސައްކަތް ކުރަމުން ހޯދިދާނެ ހެއްޔެވެ. ޖިނާން ބުނަނީ ކީކޭ ހެއްޔެވެ.
”ރަސްމީ ހައިސިއްޔަތު ގުރުބާން ކޮށްފައި އެއްވެސް ކަމެއް ހުއްޓާލުމުގެ ޚިޔާލެއް ނެތް. ޝައްކެއް ނެތް. އަޅުގަނޑުގެ އިސް ވާޖިބެއް ކަމުގައި ވާނީ ރައްޔިތުން ހަވާލު ކުރި ޒިންމާ. އޭގެ ފަހަތުން އެހެން ކަންކަން އަންނާނީ. އެޒިންމާ އަދާކުރަމުންވެސް އެކަންކަން ކުރެވޭނެ. ފަހަރުގައި މިހާރަށް ވުރެވެސް ރަނގަޅަށް.“
ފަހަތަށް ޖެހުމަކީ ޖިނާން ދަންނަ ކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ މަސައްކަތުގެ ގިޔަރު އެއް ލެވެލް މައްޗަށް ޖައްސައިގެން މިހާރަށްވުރެ ރަނގަޅަށް ހުރިހާ ކަމެއްވެސް ކުރެވޭތޯ އެވެ. އޭނަގެ މޮޓޯއަކީ މިއީއެވެ. ހަރަކާތެއް ނެތް އަތެއްގައި ބަރަކާތެއް ނުހުންނާނެއެވެ. ބަރަކާތެއް ނެތް އަތަކަށް ރިޒްގެއް ނުލިބޭނެ އެވެ.
ކޮންމެ މީހަކާވެސް ހިތްހެޔޮކަމާ، ރީތި ހިނިތުންވުމާއެކު މަރުހަބާ ކިއުމަކީ ކޮންމެ ކޮންމެ އަންހެނެއްގައި ހުންނަ ސިފައެއް ނޫނެވެ. ދިރިއުޅުމުގައި ޖިނާން ހޯދަމުން އަންނަ ކާމިޔާބީގެ ސިއްރަކީ އެއީ ކަމަށް ވެދާނެ އެވެ. މި ފަހަރުގެ އިންތިޚާބުން އެހާ ބޮޑު ކާމިޔާބެއް ހޯދި ހަގީގީ ސިއްރަކީވެސް އެއީކަމަށް ގިނަ ބަޔަކު ބުނެއެވެ.
މި ތަބީއަތުގެ ވެރިޔާގެ އަސްލު ސޫރަ ރައްޔިތުން ބަލައިގަނެ އޭނާއަށް އަންހެނުން ކޮމެޓީން ފުރުސަތު އެދިނީ ނަމަކަށް ނޫނެވެ. ކަމަކަށެވެ. ކަންތައް ތަކަކަށެވެ. ކަންތައްތަކެއް ކުރާނެ ކަމަށް ބަލައިގެންނެވެ. ގޭގެ އޮޅިގަނޑު ގިނާކޮށް ގެއިން ބޭރަށް ރައްޔިތުންގެ ކުރިމައްޗަށް އެންމެ ރަނގަޅު ސާއަތުގައި އެނުކުތީ އެހެން އެއްވެސް ކަމަކު ނޫނެވެ. އޭދަފުށީ އަންހެނުންގެ ދިރިއުޅުމުގެ ހާލަތު މިހާރަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލުކުރެވޭތޯ އެވެ.
ޖިނާން އެވެ. ފުރަތަމަ ނަޒަރުން ރައްޔިތުންގެ ލޯބި ބަންޑުންކޮށްލީ ޖިނާން އަަށް ވަރަށް ބޮޑަށް އިތުބާރު ކޮށްފައެވެ. މި އިތުބާރާއި ޔަގީންކަން ޖިނާން އަަޅާ ކޮންމެ ފިޔަވަޅަކުން ވެސް ދައްކާނެ ކަމަށް ރައްޔިތުން ޝައްކެއް ނުކުރެ އެވެ. މި މަގާމަށް އައި ތާރީޚީ ރެކޯޑާއެކު ރައްޔިތުން ތިބީ ޖިނާންގެ މަސައްކަތުގެ އާރެކޯޑެއްވެސް ގާއިމުކުރާތަން ބަލާށެވެ.






