އަންނަ އެޕްރީލް މަހަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނުގަދަވާނެ މަސްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް މާރިޗު މަހާއި އެޕްރީލް މަހަކީ ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ. މި ދުވަސްވަރު އުޑުމަތި ސާފުވެ ވިލާ މަދުވުމާއި، ވައިމަޑުވުމުގެ އިތުރުން ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާތީ، އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާކަން ފާހަގަކުރެއްވޭ ކަމަށް މެޓުން ވިދާޅުވި އެވެ.
”ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް ޚާއްސަކޮށް އުތުރުގެ ހިސާބުތަކަށް ވިއްސަރައިގެ އަސަރު ވަރަށް ކުޑަ. ހަމަ ވަރަށް އަވިގަދަކޮށް އޮންނާނީ، އެހެންނަމަވެސް ދެކުނުގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ،“ މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވިއެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ މެދަކާ ހިސާބުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކަށް ބޯކޮށް ވާރޭވެހިފައެއް ނުވެއެވެ. އަދި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކަށްވުރެ މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ގަދަކަންވެސް އެ އިދާރާއިން ފާހަގަކުރެއެވެ. މި ހޫނުގަދަވުން އެޕްރީލް މަހުގެ މެދުތެރެއާ ހަމައަށް ދެމިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.







