މާލޭގެ ބޮޑުތަކުރުފާނު މަގު، ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ޕޭމަންޓް މައްޗަށް އަރައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އިމާދުއްދީން ސްކޫލްގައި އޯލެވެލް ހަދަމުންދިޔަ ދަރަވަންދުއަށް ނިސްބަތްވާ ދަރިވަރެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި ދަރިވަރަކީ އިމާދުއްދީން ސްކޫލްގެ ގްރޭޑް 10 ބީ-2 ކްލާހުގައި އުނގެނުމަށްފަހު އެ ސްކޫލްގައި އޯލެވެލް ހަދަމުން އައި ބ. ދަރަވަންދޫ، ހިޔަލީ ގުލްޝަން މުހައްމަދު ނިހާން ނާޒިމް އެވެ.
އިމާދުއްދީން ސްކޫލުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި، އެ ސްކޫލްގެ 10 ބީ-2 ކްލާހުގައި އުނގެނުމަށްފަހު މިއަހަރު އޯލެވެލް ހަދަމުން ދިޔަ މި ދަރިވަރު މިއަދުގެ ވަގުތެއްގައި ނިޔާވެފައިވާކަމަށް ބުނެފައިވެއެވެ. އެހެންވެ، މަރްޙޫމުގެ ޢާއިލާ އަށް އެ ސްކޫލާއި ބެލެނިވެރިންނާއި އަދި ދަރިވަރުންގެ ނަމުގައި ވަނީ ތައުޒިޔާ ކިޔާފައެވެ.
ފުލުހުންވެސް ވަނީ ބޮޑުތަކުރުފާނުމަގު, ޓްރެފިކް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެންގޮސް އެ މަގުގެ ޕޭވްމަންޓް މައްޗަށް އަރައި ރޭ ދަންވަރު 1:39 ކަންހާއިރު އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ފަހަތުގައި އިނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންނަށް ފަރުވާ ދިނުމަށް އެ ވަގުތު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭގެ ތެރެއިން ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުޑަ ކުއްޖާ މިއަދު ވަނީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.
”ކަށުނަމާދު” ޕޭޖުން ފެންނަން ހުރި މައުލޫމާތަށް ބަލާއިރު މި ދަރިވަރުގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާގައި އޮންނާނެއެވެ. ކަށުނަމާދު ކުރުން އޮންނާނީ އަސުރަށްފަހު އާސަހަރާ މިސްކިތުގަ އެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމުންނެވެ.





