ރޯދަމަހުގެ ފަހު ދިހައެއް ބަންދުވާނެކަން، ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.
ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރައީސް އޮފީހުން ވިދާޅުވީ އެ ދުވަސްތައް ބަންދު ވަނީ ، 1445ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް އެ އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމުން ހަމަޖައްސަވައިފައިވާތީ ކަމަށެވެ.
އެގޮތުން އަންނަ މާރިޗު މަހުގެ ނުވައެއް ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.
ރަމަޟާން މަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށްވެސް ރައީސް އޮފީހުން ވަނީ އަންގަވައިފައެވެ.






