ތާރީޚުގެ ތެރެއިން: އޭދަފުށީގެ ތައުލީމީ ދުވެލި -2

IMG-8ae6933a66b77eb64bc491fd3fbe07f6-V.jpg

އޭދަފުށީގެ ތައުލީމަށް އެންމެ ބޮޑަށް ޚިދުމަތްކޮށްދެއްވި ޔޫސުފްކަލޭފާނު އަދި އެއްބަނޑުއެއްބަފާ ފިރިހެން ބޭފުޅުން ...ކަނާތުން ވާތަށް ، ޒަކަރިއްޔާ އަލީ، އިސްމާއީލް ކަލޭފާނު، ޔޫސުފް ކަލޭފާނު، މުހައްމަދު އަލީ، އަހްމަދު އަލީ

އިސްވެ ދެންނެވުނު ފަދައިން ސައާދާ އުފައްދާފައި ވަނީ ހިޖުރައިން 1372ވަނަ އަހަރުގެ ޝައްވާލު މަހުގެ 7 ވަނަ ދުވަހު ބޮޑު ރަސްމިއްޔާތަކާވެސް އެކުގައެވެ. ސައާދާ ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ އަލްއަމީރު މުހައްމަދު އަމީން ދީދީ އެވެ. އަމީރު އަމީން މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް ވަޑައިގެންނެވީ ރަސްމީ ބޯޓު ކޮޅު ”ހައިސިންތު“ ގައެވެ.

މަދްރަސަތުލް ބަހިއްޔާގެ ހަރުގޭގައި އޮތް މި ތާރީޚީ ޖަލްސާ ގައި އަތޮޅުވެރިޔާ ޔޫސުފް ކަލޭފާނާއި އޭދަފުށީގެ ވެރިންނާއި ކަމުވޮށިވެގެންވާ މީހުންގެ އިތުރުން އަތޮޅުގެ ރަށްރަށުގެ ވެރިންނާއި އެކި ފެންވަރުގެ އިއްޒަތްތެރިން ބައިވެރިވި އެވެ.

މި ޖަލްސާގައި ރައީސް އަމީން އަދި ޔޫސުފް ކަލޭފާނު ވާހަކަ ދެއްކެވިއެވެ. އަމީން ދީދީގެ ވާހަކަފުޅުގައި އޭދަފުށީ ރައްޔިތުން ތައުލީމަށް ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމުގެ ހުރިހާ ޝުކުރެއް އަތޮޅުވެރިޔާ ޔޫސުފް ކަލޭފާނަށް ރައްދުކުރެއްވި އެވެ. ރައީސް އަމީންގެ ވާހަކަފުޅަށް ފަހު އަތޮޅުވެރިޔާ ޔޫސުފް ކަލޭފާނު ވެސް ދުވަހާ ގުޅޭ މުހިއްމު ވާހަކަފުޅުތަކެއް ބައިވެރިންނާ ހިއްސާ ކުރެއްވި އެވެ.

ޖަލްސާގެ ފަހު އައިޓަމެއްގެ ގޮތުގައި އޮތީ ދުވަހާ މުނާސަބު ޝުކުރު އަދާކުރެއްވުމެވެ. މި މުނާސަބަތަށް ޚާއްސަކޮށް ހަދާފައިވާ ލަވަތަކާއި ޅެން ބަހުރުވައިންނެވެ. ސައާދާގެ މުދައްރިސުން ކަމުގައިވާ ދަރަވަންދޫ ޔޫސުފް އަލިފުޅާއި އަބްދުއްރަޝީދު ނިޒާރު ފަދަ، ދިވެހިރާއްޖޭގެ އަޑުން ކޮންމެ ރޯދަމަހަކު ގެނެސްދޭ ކީރިތި ރަސޫލާގެ ސީރަތު ވިދާޅުވާ ހ. ހާޖަރާގޭ ތައުފީގު ފަދަ މޫސީގާރުންގެ ޝާއިރާނާ ޚިޔާލުތަކުން މުއްސަނދި ވެފައިވާ މޮޅު ލަވަތަކަކާއި ޅެންތަކެއް އެބޭފުޅުންގެ މަޚްމަލީ އަޑުން އިއްވަމުން ދިޔައިރު މުޅި ތަން އޮތީ އެއަޑުތަކުގެ ސިހުރުގައި ޖެހި ހިމޭންވެފަ އެވެ. (ތައުފީގު އޭރު ހުންނެވީ ބ. ގޮއިދޫގައި ގޮއިދޫ މަދަރުސާގެ މުދައްރިސެއްގެ ގޮތުގައެވެ. ޖަލްސާ އަށް ދައުވަތު ދީގެން ގެންނެވީއެވެ.)

އެލަވަތަކަކީ ތޯއެވެ. އެޅެންތަކަކީތޯ އެވެ؟ މިއަދާ ހަމައަށް ވެސް ފަނޑުވުމެއް ކިލަނބުކަމެއް ނައިސް ދިރުން ހުރި ލަވަތަކެކެވެ. މުސްކުޅިވުމެއް ނައިސް މަންޒަރުން ނުގެއްލި، އަޑު ކަނޑައިގެން ނުގޮސް އޭދަފުށީގެ އިސް ރަށްވެހިން ހިތުދަސް ޅެންތަކެކެވެ. ލަވަތަކުގެ ރީތިކަން ވަޒަން ކޮށްލެއްވުމަށް އެ ރަސްމިއްޔާތުގައި ކިޔާފައިވާ ބައެއް ލަވައިގެ ތަންތަން ކޮޅު ލިޔެލާހިތްވެއެވެ. އަޅުގަނޑުގެ ލޮބުވެތި މަންމަ (ޙައްވާ އަލީ) ގެ އަތްމަތީ ލަވަތަކެވެ. މަންމަގެ މަރުދުވަހަށް ދާންދެން އެންމެ އުފާވެރި ހަނދާންތައް ގުޅިފައިހުރީވެސް މި ލަވަތަކާއެވެ. އަޅުގަނޑުމެން ކުޑައިރު އަވަހަށް ނިންދެވުމަށް އެންމެ ގިނައިން ބޭނުންކުރާ ނިދާ ބޭހަކީވެސް މި ލަވަ ތަކެވެ.

”ތޭރަސަތޭކަ މި ހަތްދިހަ ދޭކުން ބޭރުކުރާ ޝައްވާލުގެ ހަތަކުން. މޭރުންވެ މި ހަފްލާ އުފަލުންނޭ މިއަތޮޅު ހިނިތުން ކޮށްލާނީ.“

ރައީސް އަމީނަށް ތައުރީފްކޮށް ހަދާފައިވާ ޅެމުގައި ޝާއިރު ވިދާޅުވެފައިވެއެވެ.

”އަނހާ ފަރިވި އޯކިޑް ހުރާގޭ ޖުނައިނާ، ޒަމާނަށް މި އިލްމިއްޔަ އަމްނާ އަމާނާ، ސަމާލުވެ ވެދުންކޮށް މި ޝުކުރުގެ ތަރާނާ،

ރައީސަށް ދެވޭ ހޫނު ތަރުހީބަކައިގެން ، ބަހީ ހޭދަކޮށްލަން މި ގައުމާއި ޖާނާ.“

އުފާ މިއުޒިކީ ރޫހު ޖުމްހޫރު ދައުރުން،  ހިފައިގެން ދަނީ ނަޒްމު އަމުނުން މިއަމުނާ.“

ޔޫސުފް ކަލޭފާނަށް ނިސްބަތްކޮށް ފެހި ޒުވާނާގެ ނަމުން ތައުރީފުގެ ބަސްތައް އަމުނަމުން ބުނެފައިވެއެވެ.

”އިތުރު ޝުކުރަކަށް ދެން ދަރަނިވެރިވި އަރިހަށް،  އަތޮޅު ހިންގަވާ ލޯބިވެތިވި ފެހި ޒުވާނާ.“

ދާރުއްޠަލަބާ

ބ. އަތޮޅުގެ ހުރިހާ ރަށެއްގެ ދަރިވަރުން ހިމެނޭ ގޮތަށް އޭދަފުއްޓަށް ގެނެސް އެކުދިންނަށް ކިޔަވައިދޭން ސައާދާ ފައްކާ ކޮށްފައި އޮތްއިރު އެކުދިންގެ އެކޮމަޑޝަން ނުވަތް ރަށުގައި ތިބުމުގެ އިންތިޒާމް ހަމަޖައްސާފައިހުރި ބޯޑިންގ ނުވަތަ ދަނާލަށް ކިޔަނީ ދާރުއްތަލަބާ އެވެ. އެތަން ހުރީ ބ. އަތޮޅުގޭގެ ގޯތި ތެރޭގައެވެ.

ސައާދާގެ އުފަން ދުވަހަކީ ހިޖުރީ ސަނަތުން 1372 ވަނަ އަހަރުގެ ޝައްވާލު މަހުގެ 7 ވަނަ ދުވަހެވެ. އެކަމަކު އޭގެ އެއް މަސްދުވަސް ކުރިން، ރަމަޟާން މަހު ސައާދާއަށް ވެއްދުމަށް އަތޮޅުގެ ރަށްރަށުން 29ކުދިން ގެނައެވެ.

”އެކުދިން ބަލަހައްޓަން ތިބެނީ މުލާޒިމުން ކިޔާބައެއް. އެއީ އޭދަފުށީ ޗާނދަނީ މަގުގައި މަދްރަސަތުލްބަހިއްޔާ އާއި ޖެހިގެން އުތުރަށް އޮތް ގޯތި ނުވަތަ މާރަނަ 1 ހުރި ގޯތި.“ ދާރުއްތަލަބާގެ ފުރަތަމަ ބެޗުގެ ދަރިވަރު އޭދަފުށީ ޔޫސުފް ހަސަން ވިދާޅުވި އެވެ.

ދާރުއްތަލަބާގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަކީ ހިތާދޫން އަބްދުލް ބާގިރު، ތުޅާދުން ހަތަރު ކުދިން ނާއެކު ގޮއިދޫން އަބްދުލްގައްޔޫމް އާއި އަބްދުއްރަހުމާން އާދަމް އެވެ. ފެހެންދޫން އަބްދުލް މަންނާން، ފުޅަދޫން އަބޫބަކުރު އަހުމަދު (ރީތި ބަކުރު) ކިހާދޫން އާދަން އަދި ހާމިދު އެވެ. ދަރަވަންދޫން އަބްދުﷲ ނާސިރު، ދޮންފަނުން މުހައްމަދު ޔޫސުފް ކެންދޫން އަލީ ހުސޭން  އެވެ. އުޑޫދޫން އިބްރާހީމް އަބޫބަކުރު، ކުޑަރިކިލުން ދޭލިޔާގޭ އިބްރާހީމް މަނިކާއި މުހައްމަދު ފަތުހީ، އޭދަފުށިން އޯކިޑްވިލާ އަބްދުއްރައްޒާގު މުހައްމަދު އެވެ. ނަމަވެސް ޝައްވާލު މަހު ދެވަނަ ދުވަހު އަބްދުއްރައްޒާގުގެ ބަދަލުގައި އެތަނަށް ޔޫސުފް ހަސަން ގެންދެވިކަމަށް މަރުހޫމް ޔޫސުފް ވިދާޅުވި އެވެ.

”މެދުގައި އޮންނާނީ ބޮޑު ހޯލެއް. ދެކޮޅުގައި ދެބޮޑު އަށި ހުންނާނެ. ދެން ހުންނާނީ ބޮޑު މޭޒެއް. އެ މޭޒުގައި ޓޭބަލް ޓެނިސް ނުވަތަ ޕިންޕޮން ވެސް ކުޅޭނެ. ކުދިން ފިލާވަޅު ދަސްކުރަން ތިބޭ ބޮޑުމޭޒަކީވެސް އެއީ.“ ދާރުއްތަލަބާގެ ފުރަތަމަ ބުރުގެ ބައިވެރިއެއް ކަމުގައިވާ އޭދަފުށީ ކަޝްމީރު، އަލްމަރުހޫމް ޔޫސުފް ހަސަން، އެތަން ސިފަކޮށްދެއްވަމުން ވިދާޅުވި އެވެ. .

ދާރުއްތަލަބާ އަށް އަތޮޅުތެރެއިން އަންހެން ކުދިންވެސް ގެނައެވެ. އެކުދިންގެ ހުރިހާ ކަމެއް ހަމަޖައްސާފައި ހުރީ އޭދަފުށީ ދިލްކަޝްވިލާ ގޭގައެވެ.

ދާރުއްތަލަބާގެ ދަރިވަރުންނަށް ތައުލީމު ދިނުމުގެ އިތުރުން މަސައްކަތެރިކަން ދަސްކޮށްދިނުމާއި ތަރުބަވީ ތައުލީމު ދިނުމަށް ޚާއްސަ ސަމާލުކަމެއް ދެއްވި އެވެ. މަސައްކަތްތެރިކަން ދަސްކޮށްދޭން މާލެއިން ގެނައީ ފުރަހަނި ހަސަން މަނިކެވެ. ކުނާ ވިޔުމާއި ފައިވާން ހެދުމާއި ސައިބޯނި (ދޮންނަ ސައިބޯނި) އުފެއްދުމާއި މިނޫނަސް އެތައް މަސައްކަތެއް އޭނާ ދަސްކޮށްދެއްވި އެވެ. މި މަސައްކަތްތަކުގެ ތެރެއިން އެދުވަސް ވަރު ދަރިވަރުން އެންމެ ފޯރިއާއެކު ކުރަމުން ދިޔައީ ސައިބޯނި އުފެއްދުމެވެ. އަމިއްލަ ބޭނުންތަކަށް އެސައިބޯނި ބޭނުން ކުރިއެވެ.

”އެއީ ވަރަށް ފައްކާ ދޮންނަ ސައިބޯންޏެއް. ދޮވެލަން ހަމަ ބަރާބަރު. އަމިއްލައަށް ދޮންނަނީ ވެސް.“ އެ ސައިބޯނިން އަންނައުނު ދޮވުމަށް ބޭނުންކުރި ޔޫސުފް ހަސަން ވިދާޅުވި އެވެ.

އޭދަފުށީގައި ކުނާވިޔުމުގެ ސިނާއަތު އުފަން ކުރުވީ ފުނަހަނި ހަސަން މަނިކު އެވެ. އޭގެ ކުރިން ކޮށްއުޅުނު ކަމެއް ނޫނެވެ. ހަސަން މަނިކު ގާތުން ދަރިވަރުވި ކުދިން މި މަސައްކަތް އަތޮޅުގެ ރަށްރަށަށް ތައާރަފްކޮށް ދިނުމުން މި މަސައްކަތުން ރަނގަޅު އާމްދަނީ ހޯދާ އެތައް ބަޔަކު އުފެދިގެން ދިޔައެވެ. އަހަރުތަކަކަށް ދެމިގެންދިޔަ މިމަސައްކަތުން ކައިބޮއި އުޅުނު އެތައް އާއިލާއެއް އޭދަފުށީގައިވެސް އުފެދުނެވެ. ކުނާވިޔެ ވިއްކަން ފޮނުވަނީ މާލެއަށެވެ.

ދާރުއްތަލަބާގައި ތިބޭ ކުދިން ބަލަހައްޓަން ތިބޭ މީހުންނަށް ކިޔަނީ ”މުރާގިބުން“ނެވެ. އޭގެތެރޭގައި ފެހެންދޫ އިބްރާހީމް މުހައްމަދު، ތުޅާދޫ އުސްމާނު ކަލޭފާނު، މޫސާ ކަތީބުވެސް ބައެއް ދުވަސްވަރު ހުންނެވިއެވެ. ތަންކޮޅެއް ފަހުން ދަރަވަންދޫ ޖައުހަރީ (ޖައުހަރީބޭ) ވެސް ހުންނެވި އެވެ. ކުދިން ބެލެހެއްޓުމަށް އަބަދުވެސް ތިނެއް ނުވަތަ ހަތަރު މުރާގިބުން ތިއްބަވައެވެ.

”ދާރުއްތަލަބާ ގެ ދަރިވަރުންނަށް ކައްކައި ކާން ހެދުމުގެ މަސައްކަތުގައި އުޅުނީ އޭދަފުށީ އަތީރީގޭ މޫސަ (ކައްކާ މޫސަ) އާއި ދޭދަރުގެ މޫސަ (މަގޫމޫސަ) އެވެ. ފަހުން އޭދަފުށި ޖީޒާ، އަލީ ހަސަން (މަގޫއަލީ) ވެސް އުޅުނެވެ.

ދާރުއްތަލަބާގެ ދަރިވަރުންނަށް ޚާއްސަ އިތުރު ހަރަކާތެއްގެ ގޮތުގައި މައުލޫދު ކިޔަން ދަސްކޮށްދިނުން ފާހަގަ ކުރެވެއެވެ.

”ކޮންމެ ހުކުރު ވިލޭރެއަކު ދާރުއްތަލަބާގެ ބޮޑުމޭޒުގައި މިކަން އޮންނާނީ. ޖެހިގެން އަންނަ ހޮނިހިރު ވިލޭރޭ އޮންނާނީ ލަވަ ކިޔުން. ހަމަ އެމޭޒުގައި.“ އެތަނުން މައުލޫދު ކިޔަން ދަސްކުރެއްވި ޔޫސުފްހަސަން ވިދާޅުވިއެވެ. (ނުނިމޭ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top