1447 ވަނަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި، (ފެބްރުއަރީ 19) ކަމަށް ގިނަ ގައުމު ތަކަކުން ޔަގީން ކޮށްފި އެވެ.
އެގައުމު ތަކުގެ ތެރޭގައި އުމާން، ތުރުކީ، ސިންގަޕޫރު އަދި އޮސްޓްރޭލިއާ ހިމެނޭ ގޮތަށް އިތުރު ގައުމު ތަކަކުންވެސް ވަނީ ރަސްމީކޮށް ޔަގީން ކޮށްފައެވެ.
ފަލަކީ ހިސާބުތައް ދައްކާ ގޮތުން ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު ޔޫއޭއީ، ސައޫދީ އަރަބިއްޔާ، އުރުދުން އަދި މިސްރު ހިމެނޭ ގޮތަށް ސަރަހައްދުގެ ގައުމުތަކަށް ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ. އެ ދުވަހު ހަނދު އޮއްސެނީ އިރު އޮއްސުމުގެ ކުރިންނެވެ. އަދި އެ ދުވަހު ފާހަގަކޮށްލެވޭ އެނިއުލާ ސޯލާ އެކްލިޕްސެއް (އިރުގެ ކޭތައެއް) ހިފާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ޖީސީސީ ސަރަޙައްދުން އެންމެ ފުރަތަމަ ރޯދަމަހުގެ ތާރީޚު އިޢުލާނު ކުރީ އުމާނުންނެވެ. އުމާނުގެ ހިޖުރީ މަސް ފެށޭ ދުވަސް ކަނޑައަޅާ ކޮމިޓީން ބުނީ ޝަޢުބާން މަހުގެ 30 ދުވަސް ހަމަވާނީ ފެބްރުއަރީ 18 ގައި ކަމަށާއި، އެ ރޭ އުމާނުގެ އެއްވެސް ސަރަހައްދަކުން ހަނދު ފެނުމުގެ ފުރުސަތެއް ނެތް ކަމަށެވެ. ތުރުކީގެ ދީނީ ކަންތައްތަކާ ބެހޭ އިދާރާއިން ވެސް ފެބްރުއަރީ 19 ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ޔަގީންކޮށް، އަރަބި އަދި އިސްލާމީ ދުނިޔެ އާއި އެމެރިކާ ބައްރުން ވެސް ފެބްރުއަރީ 17 ގައި ހަނދު ނުފެންނާނެ ކަމަށް ބުނެފައިވެއެވެ.
ޔޫއޭއީގައި ރޯދަ މަސް ފެށޭނެ ކަމަށް ލަފާކޮށްފައިވަނީ ފެބްރުއަރީ 19 ގައެވެ. ނަމަވެސް ރަސްމީ ތާރީޚް ކަށަވަރުވާނީ ހަނދު ބެލުމުގެ ކޮމިޓީން ފެބްރުއަރީ 17 ގައި ހަނދު ހޯދުމަށް ފަހުގައި ކަމަށް ދުބައީގެ އިސްލާމީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓުން ބުނެފައިވެއެވެ. ޕާކިސްތާނުގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނީ ފެބްރުއަރީ 18 ވާ ޝަޢުބާން 29 ވަނަ ދުވަހުގެ ރޭ ހަނދު ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ދުބައީގެ ފަލަކީ ލަފާކުރުންތައް ދައްކާ ގޮތުން މި އަހަރު ރޯދަ މަހުގެ ދިގުމިނަކީ 29 ދުވަހެވެ. އެހެންކަމުން އީދު ދުވަހަކީ މާޗް 20 ވާ ހުކުރު ދުވަސް ކަމަށް ބެލެވެއެވެ.
ރާއްޖޭގެ ކަލަންޑަރުގައި އޮތް ގޮތުން ނަމަ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހެވެ.





