ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލަން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި މިބިލު ފާސްކޮށްފައިވަނީ، ސަރުކާރުން ހުށަހެޅި ގޮތަށް އިތުރު ބަދަލެއް ނުގެނެސް، 72 މެންބަރުންގެ ވޯޓުންނެވެ. މިބިލުގެ ބަހުސް މަރުޙަލާގައި އިދިކޮޅު އެމްޑީޕީން ވަނީ މިބިލާއި ދެކޮޅުކަން ހާމަކޮށްފައެވެ.
ޤާނޫނުއަސާސީއަށް ބަދަލު ގެނަސް ދެ އިންތިޚާބު އެއްކޮށްލަން މަޖިލިހުން ފާސްކުރި ނަމަވެސް އެކަން ތަންފީޒު ކުރުމުގެ ކުރިން ރައްޔިތުންގެ ރިފަރެންޑަމަކަށް ދާން ޖެހޭނެއެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރެފަރެންޑަމްގެ ވޯޓުވެސް ނެގުމަށެވެ.
ސަރުކާރުން މިވިސްނުން ގެންގުޅެނީ ޚަރަދު ކުޑަކޮށް ފެންނަ ނުފެންނަ ވޯޓު ނެގުމަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރީލްމަހުގެ ހަތަރުވަނަ ދުވަހުއެވެ.
ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ބުނެފައިވަނީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮންނަންވާނެ ކަމަށެވެ.
އެހެންކަމުން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން މަޖިލީހުން މިބިލު ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބިލު ތަސްދީގު ކުރަށްވަން ޖެހިވަޑައިގަންނަވާނެއެވެ.





