ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިންނށް ސޯޝަލް މީޑިއާ މަނާކުރާ ބިލެއް ހުށަހަޅައި، އޭގެ ބަހުސް ފަށައިފި އެވެ.
ނެޝަނަލް އެސެމްބްލީގައި މިހާރު އޮތް ބިލު އެ ގައުމުގެ ރައީސް އެމަނުއެލް މެކްރޯސް ވަނީ އެންޑޯޒްކުރައްވާފަ އެވެ. އޭނަ ވިދާޅުވެފައި ވަނީ އަމާޒަކީ މި އަހަރުގެ ދިރާސީ އާ އަހަރު ސެޕްޓެމްބަރުގައި ފަށަންވާ އިރަށް ބިލު ފާސްވެ، ގާނޫނަކަށް ވުން ކަމަށެވެ.
ބިލުގައި ވަނީ އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް އިންސްޓަގްރާމާއި ޓިކްޓޮކާއި ސްނެޕް ފަދަ ޕްލެޓްފޯމްތައް މަނާކުރަން ހިމައިފަ އެވެ.
ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ފްރާންސުން މަސައްކަތް ފެށި އިރު، ދާދި ފަހުން މެކްރޯން ވަނީ އެފަދަ ފިޔަވަޅެއް އެ ގައުމު ވަރަށް މުހިއްމު ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގެ ސަބަބުން ކުދިންނަށް ވަރަށް ގިނަ ގެއްލުންތައް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ. ކުދިންގެ އާންމު ސިއްހަތަށް ވެސް އޭގެ ސަބަބުން ނޭދެވޭ އަސަރުކޮށް ނަފުސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ކުދިންނަށް ނޭދެވޭ އެތައް ކަމެއް ކުރިމަތިިވަމުންދާ ކަމަށް ވިދާޅުވެފައިވެ އެވެ. މެކްރޮން ވިދާޅުވީ މި ވޯޓަކީ ފްރާންސްގެ ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިން ހިމާޔަތް ކުރުމަށް އެޅި ބޮޑު ފިޔަވަޅެއް ކަމަށެވެ.
ފްރާންސްގައިި މީސްމީޑިއާ މަނާކުރާ ގާނޫނުގެ ޑްރާފްޓުގައި ދެ މާއްދާއެއް ހިމެނެއެވެ. ފުރަތަމަ މާއްދާގެ ދަށުން “15 އަހަރުން ދަށުގެ ކުޑަކުއްޖަކަށް އޮންލައިން މީސްމީޑިއާގެ ހިދުމަތެއް އޮންލައިން މަންސައަކުން ފޯރުކޮށްދިނުން” ގާނޫނާ ހިލާފު ކަމަކަށް ވެގެންދާނެއެވެ. ދެވަނަ މާއްދާގެ ދަށުން ސާނަވީ ސްކޫލްތަކުގައި މޯބައިލް ފޯނު ބޭނުންކުރުން މަނާވާނެއެވެ.
”މިކަމާ އަޅާނުލައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގާ ކުންފުނިތަކަށް މާލީ ގޮތުން ބޮޑެތި ފައިދާތައް ނަގަން ދޫކޮށްލެވިގެން ނުވާނެ.““ މެކްރޯން ވިދާޅުވި އެވެ.
ފްރާންސްގައި ސޯޝަލްމީޑިޔާ ބޭނުންކުރުން 15 އަހަރުން ދަށަށް މަނާކުރަން ނިންމާފައިވާއިރު އޮސްޓްރޭލިއާގައިވެސް ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފަ އެވެ. އަދި މިފަދަ ބަދަލަށް މެލޭޝިއާ އާއި އިނގިރޭސިވިލާތުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.





