ކުރީ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ދޭން ނިންމާފައިވާ މަސްދަޅު ކޭސް ވަރަށް އަވަހަށް ބަހަން ފަށާނެ ކަމަށް ލޯކަލް މިނިސްޓްރީން ބުނެފި އެވެ.
މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާނީ ކުރީއަހަރެކޭ ވެސް އެއްގޮތަށް މިނިސްޓްރީ އާއި އެސްޓީއޯ އިން ކައުންސިލްތަކާ ގުޅިގެންނެވެ.
މިނިސްޓްރީން ބުނީ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް ފަސޭހައިން މަސްދަޅު ކޭސް ފޯރުކޮށް ދިނުމަށްޓަކައި އައްޑު އާއި ކުޅުދުއްފުށީގައި މިހާރު ވެސް ބައެއް މަސްދަޅު ކޭހުގެ ސްޓޮކްތަކެއް ރައްކާކޮށްފައިވާ ކަމަށެވެ.
މިފްކޯ އިން ބުނި މައުލޫމާތު ދިން ގޮތުގައި ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭސް ހަދިޔާ ކުރަން ހަމަޖެހިފައިވާތީ އެކަމަށް ޖުމްލަ 118,977 މަސްދަޅު ކޭސް ބޭނުންވެއެވެ. އޭގެ ތެރެއިން މިހާރު 115,078 ކޭސް އުފައްދައި މިހާރު ހުރީ ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ބާކީ 3,899 ކޭސް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް އަންނަނީ ކުރަމުން ކަމަށް ކުންފުނިން ބުންޏެވެ.
މިދިޔަ އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައިވެ އެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519ކޭހާއި، އަތޮޅުތަކުގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 ކޭހެވެ.





