ރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، 56 ރަށަކަށް އެމްބިއުލާންސްތައް ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
ސިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްބިއުލާންސްތަކުގެ ތަޅުދަނޑި އަތޮޅު ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކާ ޙަވާލުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްޙީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ރަށްރަށުގެ ސިއްޙީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތައް ބައްލަވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ފެއްޓެވި މަސައްކަތެކެވެ. ޚާއްޞަކޮށް އެމްބިއުލާންސްތައް މަރާމާތު ނުކުރެވި ހަލާކުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، އެމްޕީއެލްއާ ގުޅިގެން މި އެމްބިއުލާންސްތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
”އެމްޕީއެލް އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރު އެމްބިއުލަންސް ވެސް އެބަ އާދޭ. ބޮޑެތި ސިޓީތަކަށް ބޭނުންވާ ރައީސް އެދިލައްވާގޮތައް ބޮޑެތި ޕެރެމެޑިކް ބޮޑެތި ސައިޒުގެ ބޮޑެތި ނުރައްކާތެރި ހާލައްތަކުގައި ވެސް ހިދުމަތް ދެވޭ ފެންފަރުގެ އެމްބިއުލާންސް އެބައާދޭ. “ ވަޒީރު ވިދާޅުވިއެވެ.
އެއާއެކު، އެމްޕީއެލްއާއި އެކުވެފައިވާ އެއްބަސްވުމުގެ ދަށުން އެ އެމްބިއުލާންސްތައް މެއިންޓަނެންސްކުރުމުގެ ހުރިހާ މަސަައްކަތް އެ ކުންފުނިން ކުރަން ވަނީ ހަމަޖެހިފައިކަމަށް ވަޒީރު ވިދާޅުވި އެވެ.
ޖުމުލަ 65.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ގެނައި އެމްބިއުލާންސްތަކަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ގެނެސްފައިވާ ތަކެއްޗެވެ.





