ބ. ފެހެންދޫގައި ކަރަންޓުގެ ޚިދުމަތް ހަރުދަނާކޮށް، ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ސޯލާ-ޑީސަލް ބެޓެރީ ހައިބްރިޑް ޕަވާ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން އެ ރަށުގައި 250 ކިލޯވޮޓުގެ ސޯލާ ޕެނަލާއި 537 ކިލޯވޮޓުގެ ބެޓެރީ ސްޓޯރޭޖް ނިޒާމެއް ގާއިމުކުރެވޭއިރު އަހަރަކު ގާތްގަނޑަކަށް 117,697 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން 288 ޓަނު މަދުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި އިޤްތިޞާދީ ގޮތުން ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މަސައްކަތަކީ 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަ ކުރަނިވި ހަކަތައަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަޝްރޫޢެކެވެ.





