ރަށުފެންވަރުގައްޔާއި ގައުމީ ފެންވަރުގައި މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިވިލް ސޮސައިޓީ އެވޯޑް ބ.ތުޅާދޫ ސިލްވަރ ޝައިން ކްލަބަށް ލިބިއްޖެ އެވެ.
ތުޅާދޫ ސިލްވަރ ޝައިން ކްލަބް ހިމެނޭހެން އިތުރު ހަ ޖަމިއްޔާއަކަށްވެސް ވަނީ ސިވިލް ސޮސައިޓީ އެވޯޑު ލިބިފައެވެ.
މިކަމަށްޓަކައި ޔޫތު ހަބްގައި ރޭ ބޭއްވި ހަފްލާގައި އެވޯޑް ލިބުނު ޖަމިއްޔާތަކަށް އެވޯޑް ހަވާލުކޮށްދެއްވީ މި ވުޒާރާގެ ވަޒީރު އިބްރާހިމް ވަހީދެވެ.
ތުޅާދޫ ސިލްވަރޝައިން ކްލަބަކީ 1971 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު ސަރުކާރުގައި ރަޖިސްޓްރީ ކުރެވިގެން ހިންގަމުން އަންނަ ކްލަބެކެވެ. މި ކްލަބުން ތުޅާދުއަށާއި ތުޅާދޫ ރައްޔިތުންނަށް ދެމުން އަންނަ އެންމެ މުހިންމު އެއް ޚިދުމަތަކީ ޕްރީސްކޫލު ޚިދުމަތެވެ. ތުޅާދޫ އެތައް ބައެއްގެ އެދުމުގެ މަތިން ތުޅާދޫ ސިލްވަރ ޝައިން ކުލަބުން “ތުއްތުކުދިންގެ ޕްރީ ސްކޫލް”ގެ ނަމުގައި ޕްރީ ސްކޫލެއް ރަޖިސްޓްރީކޮށް ތުޅާދޫގައި 2003ވަނަ އަހަރުން ފެށިގެން ދަނީ ޚިދުމަތް ދެމުންނެވެ. މެދުކެނޑުމެއްނެތި މިއަދާ ހަމައަށް ކުރިއަށް ގެންދާ އެ ޚިދުމަތަކީ ތަޢުލީމީ ޖީލެއް ތުޅާދޫގައި އުފެއްދުމަށް ކްލަބުން ވަމުން އަންނަ މަތިވެރި ޚިދުމަތެއްކަން ފާހަގަކުރެވެ އެވެ.






