16 އަހަރުން ދަށުގެ ކުދިންނަށް އޮސްޓްރޭލިއާ ގައި ސޯޝަލް މީޑިއާ ބޭނުންކުރުން މަނާ

main_20251204_132127.jpg

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް މިއަދުން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ގައުމުގެ ސަރުކާރުން ބުނާގޮތުގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރުމުގެ މަގުސަދަކީ ކުޑަކުދިންގެ ނަފްސާނީ ސިއްހަތު ރައްކާތެރިކުރުމާއި، ގެއްލުން ހުރި ކޮންޓެންޓަށް ހުށަހެޅުން މަދުކުރުމާއި، ސައިބާ ބުލީފަދަ ނުރައްކާތެރި ކަންކަމުން އެކުދިން ދުރުހެލިކުރުމެވެ.

މި ކަމާގުޅިގެން ގާތްގަނޑަކަށް 150,000 ފޭސްބުކް އެކައުންޓް އަދި 350,000 އިންސްޓަގްރާމް އެކައުންޓަށް އަސަރުކުރާނެ ކަމަށް އަންދާޒާކުރެވެއެވެ. ތްރެޑްސް ބޭނުންކުރެވޭނީ އިންސްޓަގްރާމް އެކައުންޓަކާ ގުޅުވައިގެން ކަމަށް ވުމުން، އެ ޕްލެޓްފޯމްތަކުން ވެސް މި އުމުރުފުރާގެ ކުދިން ވަކިކުރެވޭނެއެވެ.

އޮސްޓްރޭލިޔާ އިން މިގޮތަށް ނިންމުމުން މިއަދު ‘މެޓާ’ އިން ވަނީ ފޭސްބުކާއި އިންސްޓަގްރާމް އަދި ތްރެޑްސް ގައި ރަޖިސްޓްރީ ކޮށްފައިވާ 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް މިއަދު ޑީއެކްޑިވޭޓް ކުރަން ފަށާފައެވެ. އަދި މީގެ ފަހުން 16 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް މެޓާގެ ޕްލެޓްފޯމަކަށް ނުވަދެވޭނެ ގޮތަށް ވަނީ ފިޔަވަޅު އަޅަންފަށާފައެވެ. އެހެންކަމުން ކުރިއަށް އޮތް ހަފްތާ ފެށޭއިރު އެގައުމުގައި 16 އަހަރު ނުފުރޭ ކުއްޖަކަށް ސޯޝަލް މީޑިއާ ބޭނުމެއް ނުކުރެވޭނެއެވެ.

މިއީ މިދިޔަ އަހަރު ނޮވެންބަރު މަހު އެގައުމުގެ ސަރުކާރުން ފާސްކުރި ‘އޮންލައިން ސޭފްޓީ އެމެންޑްމަންޓް’ (ސޯޝަލް މީޑިއާ މިނިމަމް އޭޖް އެކްޓް) ގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މި ގަވައިދުގައި ވާގޮތުން އެގައުމުގައި ސޯޝަލް މީޑިއާ ބޭނުންކުރެވޭނީ 16 އަހަރުން މަތީގެ މީހުންނަށެވެ.

މި ‘ސޯޝަލް މީޑިއާ ބޭން’ ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހެވެ.

އަދި މި ގާނޫނުގައި ސޯޝަލް މީޑިއާ ކުންފުނިތަކަށް 16 އަހަރުން ދަށުގެ އެކައުންޓްތައް ބްލޮކް ނުވަތަ ޑިލީޓް ކުރުމުގެ ޒިންމާ ހަވާލުކޮށްފައި ވެއެވެ. އެގޮތުން މި ޒިންމާ އަދާނުކޮށްފިނަމަ 49.5 މިލިއަންޑޮލަރާއި ހަމައަށް އެ މީޑިއާ ކުންފުނިތައް ޖޫރިމަނާ ކުރުމުގެ ބާރު އެގައުމުގެ ސަރުކާރަށް ލިބިގެންވެއެވެ.

މި ގަވައިދުގެ ދަށުން އަދި އެގައުމުގެ ކުޑަކުދިންނަށް ބޭނުން ކުރުން މަނާކޮށްފައިވަނީ ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، ސްނެޕްޗެޓް، އެކްސް (ކުރިން ޓްވިޓަރ)، ޔޫޓިއުބް، ރެޑިޓް، ޓްވިޗް، ކިކް އަދި ތްރެޑްސްއެވެ.

އޮސްޓްރޭލިއާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެގައުމުގެ 16 އަހަރުން ދަށުގެ އުމުރުފުރާގެ %96 ކުދިން ސޯޝަލް މީޑިއާ ބޭނުންކުރެއެވެ. މީގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ސަބަބުން ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ފިޔަވަޅު އެގައުމުން ވަނީ ހަރުކަށިކޮށް އަޅާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top