ދިވެހިރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އިސްލާހުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުންނެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި ބިލުގައިވާ ގޮތުން، ބިލުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް 500 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭ ގޮތަށެވެ. ބިލުގެ ޖަދުވަލު އެކެއްގައި ހިމެނެނީ، މަަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭ ނުވަތަ ހިމެނޭ އެއްޗިއްސެވެ.
ޖަދުވަލު ދޭއްގައި ހިމެނެނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް އެކުލެވިގެން ތައްޔާރުކުރާ އުފެއްދުންތަކެވެ. އަދި، ޖަދުވަލު ތިނެއްގައި ހިމެނެނީ، މަަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އާލާތްތަކާއި އެއްޗެއްސާއި ކެމިކަލް ނުވަތަ މާއްދާތަކެވެ.
ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން ޑްރަގު އެތެރެކުރުމުން މަރުގެ އަދަބު ދެނީ، ތިން ހާލަތަކަށް ފެތޭ ބުރަދަން ހުރި މައްސަލަތަކުގަ އެވެ.
އެ ހާލަތްތަކަކީ:
* 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް ކަމުގައިވުން
* 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން ކަމުގައިވުން
* ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން
ގާނުނަށް ގެނައި ބަދަލުގައި ވަނީ މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ ކަމަށެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ވާގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މިހާރު ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. ނުވަތަ އެއްލައްކަ ރުފިޔާއާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.






