އަނބިމީހާއާ ދިމާލަށް، ”ތިއިނީ ވަރިކޮށްފައި“ ކަމަށް ބުނެވުނީ އިންތިހާއަށް ރުޅިގަދަވެ، އަމިއްލަ ނަފުސް ކޮންޓްރޯލް ނުވެގެން ކަމަށް ހުވާ ކުރުމުން، އެ ވަރި ސާބިތުނުވާ ކަމަށް ފެމެލީ ކޯޓުން ކަނޑައަޅައިފި އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެމިލީ ކޯޓުން ނިންމި މި މައްސަލައަކީ، ނޮވެމްބަރު މަހު ކުރީކޮޅު، އުތުރުގެ ދެ ރަށެއްގެ ދެމަފިރިއެއްގެ ވަރީގެ މައްސަލައެކެވެ. ދެ ދަރިން ވެސް ތިބި މި ދެމީހުން މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ވަރި ސާބިތުކުރުމުގެ މައްސަލައެއްގެ ގޮތުގައެވެ.
ފިރިހެން މީހާ ކޯޓުން ބޭރުގައި ވަރީގެ އިބާރާތް ބޭނުންކޮށް އަންހެނުން ވަރިކުރި ކަމަށް ބުނެ ވަރި ސާބިތު ކުރުމަށް ހުށަހެޅި މި މައްސަލައިގައި “ކަލޭ ތިއިނީ ވަރިކޮށްފައި” ކަމަށް ފިރިހެން މީހާ ބުނެފައިވަނީ ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެކަމަކު، މި ދެމަފިރިންގެ ވަރީގެ މައްސަލައިގައި އަނބިމީހާ ވަރިކުރަން އިބާރާތް ބޭނުން ކުރެވުނީ އަމިއްލަ ނަފުސަށް ކޮންޓްރޯލް ނޯންނަ މިންވަރަށް ރުޅި އައިސްގެން ހުރެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ހުވާ ކުރުމުން، އެ ވަރި ސާބިތުނުވާ ކަމަށް ފެމެލީ ކޯޓުގެ އަންހެން ފަނޑިޔާރަކު ވަނީ ކަނޑައަޅައިފައެވެ.
ފެމެލީކޯޓުގެ ޙުކުމުގައި ބުނެފައިވަނީ، ރާއްޖޭގެ ގާނޫނުތަކުގައި ރުޅި އައިސްގެން ވަރިކުރުމާ ގުޅޭ އެއްޗެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އިސްލާމީ ފިގުހުތަކުގެ ނިންމުންތަކައް ރިއާޔަތްކުރަން ޖެހޭކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
އެގޮތުން ފިގުހީ އިލްމުތަކުން އެނގޭގޮތުގައި ރުޅީގައި ތިން ދަރަޖައެއް ވާކަމަށް ޤަޟިއްޔާގެ ރިޕޯޓްގައިވެއެވެ. އެގޮތުން ފުރަތަމަ ދަރަޖައިގެ ރުޅިއަކީ، ރުޅި އައިނަމަވެސް ވަށައިގެންވާ ހުރިހާކަމެއް އެނގުމާއި އަމިއްލަ ނަފުސުގެ މައްޗަށް ކޮންޓްރޯލް އޮތުންކަމަށް ގާޒީ ވިދާޅުވިއެވެ. އެ ހާލަތުގައި ވަރީގެ އިބާރަތެއް ބޭނުންކޮށްފިނަމަ ވަރިވާނެ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
ރުޅީގެ ދެވަނަ ދަރަޖައަކީ، ރުޅި އަންނައިރު ވަށައިގެން ހިނގާ ހުރިހާ ކަމެއް އެނގުނު ނަމަވެސް އަދި އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލޭ ހިސާބަށް ނުދިޔަސް، ރުޅި އައިސްފައިވާ މީހާ ބޭނުންވާ ގޮތާ ޚިލާފަށް ބަސްތައް ބުނެވުން ކަމަށް ފެމިލީ ކޯޓުން ބުންޏެވެ. ރުޅީގެ ދެވަނަ ދަރަޖައިގައި ހުރެ ވަރީގެ އިބާރަތް ބޭނުންކޮށްފިނަމަ ވަރިވާނެ ކަމާމެދު އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތު ވެފައިވާކަމަށް ފެމިލީ ކޯޓުން ބުންޏެވެ. ބައެއް އިލްމުވެރިން ދެކޭގޮތުގައި އެފަދަ ހާލަތުގައި ހުރެ ބުނާ ވަރި ބަހުގެ ސަބަބުން އަނބިމީހާ ވަރިވާނެއެވެ. ނަމަވެސް އަނެއްބައި އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ ހާލަތުގައި ހުރެ ދައްކާ ވާހަކައެއްގެ ސަބަބުން އެ މީހާގެ އަނބިމީހާ ވަރިއެއް ނުވާނެއެވެ.
ރުޅީގެ ތިންވަނަ ދަރަޖަ ތަފުސީލު ކޮށްދެމުން ފެމިލީ ކޯޓުން ބުނީ އެފަދަ ރުޅިއެއްގައި ހުންނަ މީހާއަށް ވަށައިގެން ހިނގާ ކަންކަން ނޭނގޭނެ ކަމަށާއި އަމިއްލަ ނަފުސުގެ މައްޗަށް އެއްވެސް ބާރެއްވެސް ނުފޯރުވޭނެ ކަމަށެވެ. ރުޅީގެ ތިންވަނަ ދަރަޖައިގައި ހުރެ ވަރީގެ އިބާރަތް ބޭނުންކުރި ނަމަވެސް ވަރިނުވާނެ ކަމަށް ރިޕޯޓްގައި ވެއެވެ.
އެހެންކަމުން ފިރިހެން މީހާގެ ހުވާގެ މައްޗަށް ބުރަވެ، ފެމިލީ ކޯޓުން ނިންމީ ވަރި ސާބިތު ނުވާ ކަމަށެވެ.
މި ކަމާ ގުޅިގެން، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ، މި މައްސަލައިގައި ފެމިލީ ކޯޓުން ނިންމެވި ނިންމުން އެއީ އާދަޔާ ޚިލާފު ނިންމުމެއް ނޫން ކަމަށެވެ. އެކަމަކު އިސްލާމީ ޝަރީޢާ އަދި ދިވެހިރާއްޖޭގެ ޤާނޫނުތައް އެގޮތަށް ހުއްދަކުރާތީ ނިންމަވާފައިވާ ނިންމުމެއްކަމަށް ދެކޭ ކަމަށް ސަމީރު ވިދާޅުވި ވިދާޅުވުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން ރައްދު ދެއްވީ އެކަމާ ދެކޮޅަށެވެ.
ފާއިޒް ވިދާޅުވަނީ މަޖަލަކަށް ވިޔަސް، ރުޅިން ވިޔަސް ސަރީޙަ ލަފްޒަކުން ވަރިކޮށްފިނަމަ ވާނީ ވަރިއަށް ކަމަށެވެ. އަދި ޞަރީޙަ ލަފުޒަކުން ވަރިކޮށްފިނަމަ ޖުމްހޫރުންގެ އަރިހުގައި އެވާނީ ޤަޠުޢި ވަރިއަކަށް ކަމަށާއި މި ހާލަތުގައި ނިޔަތަށް ބަލަން ނުޖެހޭނެ ކަމަށާއި، ދިވެހި ބަހުގައި ‘ވަރި’ އަށްވުރެ ޞަރީޙަ އެހެން ލަފްޒެއް ވަރިކުރުމަށް ނޯންނަ ކަމަށް ފާއިޒް ވިދާޅުވިއެވެ.
“ވަރިކުރުމަށް ‘ވަރި’ އަށްވުރެ ޞަރީޙަ ލަފުޒެއް ދިވެހި ބަހުގައި ނޯވެއެވެ. ދެން އޮތީ ވަރިކުރި ހާލަތެވެ. ޝަރުޢުގެ ނަޒަރުގައި މަޖަލަކަށް ވަރިކުރިއަސް ވަރިއެކެވެ. ރުޅި އިސްވާ ހާލަތުގައި ވަރިކުރިއަސް ވަރިއެކެވެ. ރުޅި އިސްވާ ހާލަތަކީ ބުއްދި ފިލާދާ ހާލަތެއްކަމަށް ވަރީގެ މައްސަލައިގައި ޝަރުޢު ނުދެކެއެވެ.” ފާއިޒް ވިދާޅުވިއެވެ.







