ކައުންސިލަރުންގެ އަދަދު މަދުކުރަން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ. އެ ބިލަށް ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހު ތަކުގެ އިތުރުން، މަޖިލީހުގެ ތަޅުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ އިސްލާހެއް ހުށަހަޅާފައެވެ.
ބިލްގައި ވަނީ 2،000 އަށް ވުރެ ބޮޑު އާބާދީ ހިމެނޭ ރަށްތަކަށް ފަސް ކައުންސިލަރުން އަދި 2،000 އަށް ވުރެ ކުދި އާބާދީގެ ރަށްތަކަށް ތިން ކައުންސިލަރުން ހޮވާ ގޮތަށް ހިމަނާފަ އެވެ.
ތިން ކައުންސިލަރުން އިންތިޚާބު ކުރާ ރަށްރަށުގެ ކައުންސިލުން އެއް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރާއިރު ފަސް ކައުންސިލަރުން އިންތިޚާބު ކުރާ ރަށްރަށުން ދެ ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންވެސް ބިލުގައިވެ އެވެ.
ލާމަރުކަޒީ ގާނޫނުގައި މިހާރު އޮންނަ ގޮތަކީ 3،000 އަށް ވުރެ ބޮޑު އާބާދީ ހިމެނޭ ރަށްރަށުގައި ހަތް ކައުންސިލަރުން އަދި އެއަށް ވުރެ ކުދި އާބާދީގެ ރަށްރަށުގައި ފަސް ކައުންސިލަރުން ހޮވުމެވެ.






