ކުރީގެ ރައީސުންގެ އޮފީސް ހިންގަން ދޭ 175،000 ރުފިޔާ އުނިކޮށް، ނައިބަށް 25،000 ރުފިޔާގެ އިނާޔަތެއް

l_17623294054834CR-1.jpg

މަޖިލީހުގެ ޖަލްސާއެއް--ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ފައިސާގެ އިނާޔަތާއި އެކަމާ ގުޅޭ އެހެން ކަންކަން ވެސް ކަނޑާލައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް 25،000 ރުފިޔާގެ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިސްލާހުކުރަން ހުށަހަޅާފައިވާ ބިލުގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައު އަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރުމަށްޓަކާ އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި، މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކާ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށް ބުނާ މާއްދާ އުނިކުރަން ހުށަހަޅާފަ އެވެ. އަދި ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި އެ ބޭފުޅަކަށް ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމުނުވާނެ ކަމަށް ވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ނައިބު ރައީސުންނަށް ބައެއް އިނާޔަތްތައް ދިނުމަށް ވެސް އިސްލާހުގައި ހިމަނާފައި ވެއެވެ. އެގޮތުން، މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000 ރުފިޔާ، އަދި ދިވެހިރާއްޖެއާއި ބޭރު ގައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ހުށައަޅާފައެެވެ.

ނަމަވެސް، ނައިބު ރައީސުން ވެސް ދައުލަތުގެ މަގާމަކަށް ވަޑައިގެންފިނަމަ، އެ މުއްދަތުގައި އެ ބޭފުޅުންނަށް މި އިނާޔަތްތައް ނުލިބޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ޤާނޫނުގައި ކުރީގެ ނައިބު ރައީސުންނަށް އެއްވެސް އިނާޔަތެއް ލިބޭ ގޮތަށް މިހާރަކު ނޯވެއެވެ.

މިހާރު އޮތް ގާނޫނުގެ ދަށުން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 50,000 ރުފިޔާއަދި އެއް ދައުރަށް ވުރެ ގިނަ ދުވަހު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75,000 ރުފިޔާގެ އިނާޔަތެއް ދޭން ޖެހެއެވެ. މީގެ އިތުރުން، ދިރިއުޅުއްވާނެ ތަނުގެ ޚަރަދަށް 50,000 ރުފިޔާ އާއި އޮފީސް ހިންގުމުގެ ޚަރަދަށް 175,000 ރުފިޔާ ދޭން ޖެހެއެވެ.

ކުރީގެ ރައީސުންނާއި މެންބަރުންނަށް ދައުލަތުން ދެމުންގެންދާ ބައެއް އިނާޔަތްތައް އުނިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top