ބ.އަތޮޅު ކައުންސިލުން މުޅި ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، ”ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ“ ޝަރަފުވެރިކޮށްދެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ހަވީރު އޭދަފުއްޓަށް ވަޑައިގެންފި އެވެ.
ބ. އަތޮޅު ކައުންސިލުން 2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ފުޓްސަލް މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަންގައި މެޗްތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ކޮންމެ ޑިވިޜަނެއްގެ ޗެމްޕިއަން ޓީމަށް 150،000 ރުފިޔާގެ އިނާމު އަދި ރަނަރަޕް ޓީމަށް 75،000 ރުފިޔާގެ އިނާމު ކަނޑައަޅާފައިވެ އެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރަނީ އެންމެފަހުގެ ޗެމްޕިއަން އޭދަފުށީގެ އިތުރުން ކުޑަރިކިލު، ކަމަދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ، މާޅޮސް، ތުޅާދޫ، ހިތާދޫ، ގޮއިދޫ އަދި ފެހެންދޫ އެވެ. އަދި އަންހެން ޑިވިޝަންގައި ވާދަކުރަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ އާއި ކިހާދޫ، ދޮންފަނު، ދަރަވަންދޫ، އޭދަފުށި ހިމެނޭ ގޮތަށް ފަސް ޓީމެވެ.
މުބާރާތުގެ ފުރަތަމަ މެޗުތައް މިއަދު ހަވީރުވަނީ ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރީ އަންހެން ޑިވިޝަނުގެ އޭދަފުއްޓާ ދޮންފަނެވެ. މިމެޗު 2-0 އިން ކާމިޔާބު ކުރީ ދޮންފަނެވެ. ހަވީރުގެ ދެވަނަ މެޗުގައި ކިހާދޫ އާއި ގޮއިދުއެވެ.
މިރޭ ކުޅޭ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ދޮންފަނާއި ދެކޮޅަށް ފެހެންދޫ ކުޅޭއިރު، ދެވަނަ މެޗުގައި ކުޑަރިކިލު ކުޅޭނީ ހިތާދޫ އާ ދެކޮޅަށެވެ.






