ރައްޔިތުންނަށް ފައިދާކުރާނެ ތިން ސިޔާސަތެއް މިއަދު ތަންފީޒުކުރަން ފަށައިފި

asasasf-750x375-1.jpg

ރައްޔިތުންނަށް ސީދާގޮތުން ފައިދާވާނެ މުހިއްމު ތިން ސިޔާސަތެއް މިއަދުން ފެށިގެން ތަންފީޒުކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ތިން ނިންމެވުމަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފައިދާ ކުރާނެ ކަންކަމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންނާ ގުޅުންހުރި މުހިއްމު ކަންކަން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ސިޔާސަތެކެވެ. މިގޮތުން މިފަދަ މުހިއްމު ތިން ކަމެއްގައި ނޮވެމްބަރު މަހުގެ 1 އިން ފެށިގެން ޢަމަލީގޮތުން ތަންފީޒީ މަރުޙަލާ މިހާރުވަނީ ފެށިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން (generational ban) ތަންފީޒުކުރަން މިއަދުން ފެށިގެން ތަންފީޒުކުރަން ފަށާނެ ކަމަށެވެ. މިއާއެކު 2007 ގައި އުފަންވި އަދި އޭގެފަހުން އުފަންވާ ދިވެހީން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ވިއްކުމުގެ އެއްވެސް ޢަމަލެއް ހިންގުމަކީ ޤާނޫނީ ކުށެކެވެ. އަދި އެފަދަ ޢަމަލެއްކުރާނަމަ އެކަމުގައި ޤާނޫނީގޮތުން އަދަބު ދެވޭނެއެވެ. މިކަމުގެ މަޤްސަދަކީ ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކޮށް، ސިއްޙަތު ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ.

މިއަދު ތަންފީޒުކުރަން ފަށާ އަނެއްކަމަކީ، މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން، ކަށި މިޔަރު ބޭނުން ހުއްދަ ކުރެއްވުމެވެ. ކަށި މިޔަރުގެ މަސްވެރިކަމަށް ހުޅުވާލަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. ރާއްޖޭގައި މީގެކުރިން ކުރަމުން ދިޔަ ތިން ބާވަތެއްގެ މިޔަރުގެ މަސްވެރިކަން ސަރުކާރުން ހުއްޓުވާފައިވަނީ އެބާވަތްތައް ނެތިދިޔުމުގެ ބިރާއެކުގައެވެ. އެހެންނަމަވެސް ތިމާވެއްޓާ ބެހޭ ވުޒާރާއާއި މަސްވެރިކަމާ ބެހޭ ވުޒާރާއާއި މަޝްވަރާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ އަލުން ކަށި މިޔަރުގެ މަސްވެރިކަން މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ކުރުމުގެ ހުއްދަދެއްވާފައެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް އިތުރު އާމްދަނީއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަދު ތަންފީޒުކުރަން ފަށާ އަނެއްކަމަކީ، ދައުލަތުގެ އިދާރާތަކުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން ތިން ދާއިރާއެއްގެ މުސާރަ ބޮޑުކުރުމަށް ރައީސް ނިންމެވި ނިންމެވުމެވެ. އެގޮތުން ޖުޑިޝަރީއާއި، ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ. މިމަހުގެ މުސާރަ މިފަރާތްތަކަށް ލިބިގެންދާނީ އައު ޕޭ ފްރޭމްވޯކްގެ ދަށުންކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. މިކަމުގެ ބޭނުމަކީ ދައުލަތުގެ ހިދުމަތްދޭ މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތްތައް ހަރުދަނާކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައިވަނީ ސަރުކާރުގެ މި ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތްކޮށްދެއްވާ، އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމެއްކަން ފާހަގަކުރައްވާ ހުރިހާ ދިވެހީންނަށް ރައީސްވަނީ މަރުޙަބާ ދަންނަވާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top