ރިސޯޓްތަކުން އުކާލާ ތެޔޮ ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.
ބައެއް ފަރާތްތަކުން ކާބޯތަކެތި ތައްޔާރުކުރުމަށް ރިސޯޓްފަދަ ތަންތަނުން އުކާލާ ތެޔޮ ބޭނުންކުރަމުން ދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެ އެވެ.
އެ އެޖެންސީ އިން ބުނީ މިކަން މިގޮތަށް ކުރުމަކީ މަނާ ކަމެއް ކަމަށާއި އާންމު ސިއްހަތަށް އޮތް ނުރައްކަލެއްކަން ކުރީން ވެސް އަންގާފައިވާނެ ކަމަށް ވެސް ބުންޏެވެ.
އެ އެޖެންސީން ބުނި ގޮތުގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބުނާ “ކާބޯތަކެތީގައި ހުންނަން ޖެހޭ އާންމު ޝަރުތުތައް” މި ތެލުގައި ފުރިހަމައެއް ނުވާނެއެވެ. އަދި ރިސޯޓްފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލު ނޫން ކާބޯތަކެތީން ތަޣައްޔަރުވެފައިވާ ތެލަށް ވެސް ވެދާނެ ކަމަށް ބުނެފައިވެ އެވެ.
އެހެން ކަމުން ކާބޯތަކެތި ތައްޔާރުކުރުމަށް ފަހު އުކާލާ ތެޔޮ ބޭނުން ނުކުރުމަށާއި އެތަކެތި ވިއްކާ، ބޭނުންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.







