36 އަހަރުފަހުން އޭދަފުށިން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ މިއަދު ދޫކުރަން ފަށައިފި އެވެ.
މިކަމަށް ޚާއްސަކޮށް މިއަދު އޭދަފުށީ މަލްޓި ޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ފުރަތަމަ ބުރުގެ ގޮތުގައި 33 މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވެއެވެ. މިއީ އޭދަފުށިން މިބުރުގައި ދޫކުރުމަށް ކަނޑައަޅާފައިވާ 183 ގޯތީގެ ތެރެއިން ބައެކެވެ.
އޭދަފުށިން އެންމެފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނައަހަރު އެވެ.
އޭގެފަހުން އޭދަފުށިން މިއަދު ގޯތި ދޫކޮށްފައިވަނީ އޭދަފުށީގެ ބިން ފުރިގެން 2015 ވަނައަހަރު އޭދަފުށި ފަޅުން ހިއްކި 26 ހެކްޓަރުގެ ބިމުންނެވެ.
އޭދަފުށިން މިފަހަރު ދޫކުރާ ގޯތިތަކަށް އެދި 525 ފަރާތަކުން ކުރިމަތިލިއެވެ.
ގުރުއަތުނަގައިގެން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތީގެ ލިޔުން ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުއެވެ.








