އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްރަށުގެ މަގުތަކާއި، އާއްމު ތަންތަން ދިއްލުމަށް މުނިސިޕަލް ޚިދުމަތްދޭ ކުންފުނިތައް ކަމަށްވާ ސްޓެލްކޯއާއި ފެނަކައިން ކައުންސިލްތަކަށް ބިލު ކުރާނީ އާއްމު ގޭބީސީތަކަށް ވެސް ބިލުކުރާ ގޮތަށް ޑޮމެސްޓިކް ރޭޓުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފިއެވެ.
‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން، ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި، އާއްމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ފެނަކަ އަދި ސްޓެލްކޯއިން ބިލު ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.
”ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ އަދަދު ބޮޑުވެގެންދާނެ “އެމަނިކުފާނު ވިދާޅުވިއެވެ.






