މިދިޔަ އަހަރަށްވުރެ އިތުރަށް 218މިލިއަން ރުފިޔާ މުސާރައަށް ޚަރަދުކޮށްފި

large_175264046032LC6N.jpg

ރައީސް މުއިއްޒާއި ސަރުކާރުގެ ބައެއް ވެރިން: -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް މުސާރައަށް ކުރި ޚަރަދު، މިދިޔަ އަހަރަށްވުރެ އިތުރުވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ ‘ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު’އިން ހާމަކޮށްފި އެވެ.

މިއަހަރުގެ ބަޖެޓުގައި މުސާރައާއި އިނާޔަތާއި ޕެންޝަންގެ ގޮތުގައި 15.7 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ފިނޭންސް މިނިސްޓްރީގެ ‘ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު’އިން ދައްކާ ގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތާއި ޕެންޝަންގެ ގޮތުގައި 9.4 ބިލިއަން ވަނީ ޚަރަދުކޮށްފައެވެ.

އޭގެ ތެރެއިން މުސާރައާއި އިނާޔަތުގެ ގޮތުގައި 4،214.2 މިލިއަން ރުފިޔާ ނުވަތަ 4.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއަހަރުގެ ބަޖެޓުގައި މުސާރައާއި އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7،746 މިލިއަން ރުފިޔާ ނުވަތަ 7.7 ބިލިއަން ރުފިޔާއެވެ. ބާކީ މުސާރައާއި އިނާޔަތުގެ ގޮތުގައި ހޭދަކުރުމަށް ބަޖެޓުގައި އިނީ 3.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުސާރައާއި އިނާޔަތުގެ ގޮތުގައި ޚަރަދުކުރީ 3،995.8 މިލިއަން ރުފިޔާ ނުވަތަ 3.9 ބިލިއަން ރުފިޔާއެވެ.

ވީމާ މިއަހަރު މި މުއްދަތުގައި ވަނީ އިތުރަށް 218.4 މިލިއަން ރުފިޔާ މުސާރައަށް ޚަރަދުކޮށްފައެވެ.

މުވައްޒަފުންނަށް ދޭ އެލަވަންސަށް ބަޖެޓުގައި 6.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އަހަރުގެ މިހާތަނަށް 3.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ މިދިޔަ އަހަރަށްވުރެ 155.1 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެހާތަނަށް 3.6 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ.

ހަމައެއާއެކު ޕެންޝަނަށް ކުރި ހޭދަ ވެސް އިތުރެވެ. އެގޮތުން:

  • ޕެންޝަން: 1.4 ބިލިއަން ރުފިޔާ
  • ބޭސިކް ޕެންޝަން: 974.4 މިލިއަން ރުފިޔާ
  • ރިޓަޔާމަންޓް ބެނިފިޓްސް: 465 މިލިއަން ރުފިޔާ

މުސާރައާއި އިނާޔަތަށް ކުރި ޚަރަދު އިތުރުވެފައިވާއިރު، މި ސަރުކާރުގެ އަމާޒަކީ ޚަރަދު ވީހާވެސް ކުޑަކުރުމެވެ. ނަމަވެސް ޚަރަދުތައް ކުޑަކުރެވޭ ތަނެއް ކުޑަކުރާ ތަނެއް ނުފެނެއެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުން އިތުރުވެ އެކަމުގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް ސިޔާސީ މުވައްޒަފުންގެ އަދަދުތައް ހާމަކުރީ ސަރުކާރަށް ދޮޅު އަހަރުވެސް ވީ ފަހުންނެވެ. މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ރޭ ދަންވަރު ރައީސް އޮފީހުން ވަނީ ސަރުކާރުގައި ތިއްބެވީ 922 ސިޔާސީ މުވައްޒަފުން ކަމަށް ބުނެފައެވެ. އެހެންކަމުން އެއީ ވައުދުފުޅަށް ވުރެ 222 މުވައްޒަފުން އިތުރު އަދަދެކެވެ.

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 3،000އަށްވުރެ އިތުރުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

އަދި އަދަށް ވެސް ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެއް މި ސަރުކާރަށް ތަންފީޒެއް ނުކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top