ކުރުވާހަކަ : ހާދިސާ

1331108354676_ORIGINAL.jpg

” ލޯބިވާ ބައްޕާއެވެ. ބައްޕަގެ ކިބައިން އަހަރެން މަޢާފަކަށް ނޭދޭނަމެވެ. ބައްޕަގެ މި އަގުބޮޑު ގެއާއި ބައްޕަގެ މުއްސަނދިކަމަށް ބާއްޖަވެރިކަން ހުއްޓެވެ. އަހަރެން ނުކުމެގެން މިދަނީ ހަމައެކަނި ހުސްއަތާއެވެ. އެންމެ ކުދަމިނުން ބައްޕަ ދިން ހެދުމެއްވެސް ހަށިގަނޑުގައި ބިހިލުމަށް ނޭދޭތީވެ ހަމަ ހުރުިހާ އެއްޗެއްވެސް ބަހައްޓާފައެވެ.  ކީއްވެގެންކަން ބައްޕައަށް ހަމަ ރަނގަޅަށް އެނގޭނެއެވެ.މަރްހޫމް މަންމަގެ ފުރާނައަށް ލުއިކަމެއް ލިބުން އެދިއެވެ. ޚުދް އަހަރެން ދިރިއުޅުމެއް ހޯދަން ވެގެންނެވެ. ބައްޕަ އަހަންނާމެދު ކަންތައް ކުރިގޮތް އެއީ އިންސާނަކު އޭނާގެ ދުޝްމަނަކާމެދުވެސް ކަންތައް ނުކުރާނެފަދަ އަނިޔާވެރި ،އަމިއްލައެދުން ބޮޑު ގޮތްތަކެއްކަމުން ބައްޕަގެ ހިޔާވަހިކަމުގެ ތެރޭގައި ހުރުމަކީ މިއަދު އަހަންނަށް ނަރަކައަށް ވުރެވެސް ޢަޒާބު ބޮޑުކަމެއްކަމުގައި ދެކޭތީއެވެ. އަހަރެންގެ އެންމެ ބޮޑު އެދުމަކީ މިސިޓީ ކިޔާފައި އަހަރެންދެކެ ރުޅި އައުމެވެ. އެ ރުޅިވެރިކަމުގައި އަހަންނާ ދުވަހަކުވެސް ހަތަރުކަޅި ހަމަކޮށްނުލެވޭވަރަށް ބައްޕަގެ ރުޅި ގަދަވުމެވެ.” އޭނާ މި ނޯޓް ނިންމާލާފައި ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަދި ރޭގަނޑުގެ މިދަންވަރު ބައްޕަގެ ކޮޓަރީގެ ދޮރުފަތާއި ތަޅުންގަނޑާއި ދެމެދު ހުރި ހަނިހަނި ދޭތެރެއިން އެސިޓީ ބައްޕަގެ ކޮޓަރީގެ ތެރެއަށް ވައްޓާލައިފިއެވެ.

ބޭރުގައި އޮތް ޓެކްސީއެއްގެ އިންޖީނު ހިންގާލި އަޑު އިވިއްޖެއެވެ. އޭނާ އަވަސްއަވަހަށް ޓެކްސީއަށް އަރާފައި އެންމެ ފަހުފަހަރު އޭނާގެ ނަން ޖަހާފައިއޮތް ގޭގެ ނަންބޯޑަށް ބަލާލިއެވެ.  “ލުބްނާ ” އޭނާ މަޑުމަޑުން ކިޔާލިއެވެ. އެއާއެކު ހިތި ހިނިތުންވުމެއް ވައިގެ ތެރެއަށް އަރައިގެން ދިޔައެވެ.

“ދެކުނު އާ ހާބަރަށް .” އޭނާ ޑްރައިވަރަށް ދާންވީ ތަން ބުނެދިނުމަށްފަހު ފަހަތު ސީޓުގައި ހަމަޖެހިލައިފިއެވެ. ކާރުގެ އިންޖީނުގެ ބޫންއަޑު ދަންވަރުގެ ހަމަހިމޭންކަން ފުނޑުފުނޑުކުރަމުން އޮވެދެއެވެ. އެ ބޫންއަޑުގެ ތެރެއިން ލުބްނާގެ ހިތުގެ ތެޅުން ހަމައަކަށް އެޅުވޭތޯ ނާކާމިޔާބު މަސައްކަތްތަކެއް ކުރަމުން ގެންދިޔައެވެ.

ދާންވީ މަންޒިލާ ހަމައަށް ކާރު އައުމުން ލުބްނާ ކާރުން ފައިބައިފިއެވެ. އޭރު ބަނދަރުގައި ފުރަން ތައްޔާރުވެފައި އޮތް ދޯންޏަކަށް މީހުން އަރަނީއެވެ.

ލުބްނާ އެދޯނީގެ ދިރުނބާކޮޅުގައި އެހެން މީހުންނަށް ފުރަގަސްދީގެން އިށީދެއްޖެއެވެ.

ދޯނި ފަޅުން ނުކުތުމާއެކު ރުޅިއައިސްފައި ތިބި ރާޅުތައް ދޯނީގެ ދެ ކަންކަންޓަށް ހަމަލަ ދޭން ފަށައިފިއެވެ……. މުޅިންވެސް އޭނާގެ ދިރިއުޅުމާ އެއްގޮތަށެވެ. އޭނާގެ ދިރިއުޅުމަކީވެސް ހަމަ މިފަދަ ގަދަ ކަނޑެއްގެ ނިމުމެއް ނެތް ދަތުރެކެވެ. އެކަމަކުވެސް އޭނާ އުޅުނީ ދިރިއުޅުމުގައި ދިމާވާ ދަތިތައް ހުރަސްކޮށްގެން ކުރިއަށްދާށެވެ. އަމިއްލަ ޒަމީރުގެ އަޑުނާހާ  އަމިއްލަ ހިތާ ދެކޮޅަށެވެ. އެހެންނަމަވެސް އަޅާ ކޮންމެ ފިޔަވަޅެއްގައި ތަގްދީރު އޭނާއަށް ދައްކަމުން ގެންދިޔައީ ހިތާމައެވެ. ވޭނެވެ. އެންމެފަހުން އެހިތާމައަށް ކެތްކުރެވޭނެ ބާރު ހަށިގަނޑުގައި ނެތިގެން އޭނާއަށް ޖެހުނީ ދިރިއުޅުމާ އެއްބައިވާށެވެ……..

އޭނާގެ ޚިޔާލުތައް މާޒީގެ ބޯފަރުދާތަކުގެ ތެރެއިން ކަޝްފުވާން ފެށިއެވެ.

 

އޭރު އަހަރެންގެ އުމުރުން އެންމެ ހަތް އަހަރެވެ. މަންމައާއި ބައްޕަ އުޅެނީ އުފާވެރި ދިރިއުޅުމެކެވެ. އަހަރެންގެ ހަގަށް ހުރީ ލިބްދާއެވެ. ބައްޕަ ދިރިއުޅުމަށްކުރާ މަސައްކަތަކީ ވިޔަފާރިއެވެ. މާބޮޑު ފައިދާތަކެއް ނުވިޔަސް ގޭތެރޭގެ ޚަރަދުތައް ހިންގާލެވޭވަރު ވެއެވެ. މި އުފާވެރި ޢާއިލާއަށް ދެން މިހިސާބުން ދިމާވީ ބަދު ނަސީބާއެވެ. ބައްޕަ އިތުރު އާމްދަނި ހޯދުމުގެ ގޮތުން ބޯޓުދަތުރުކުރަން ދާހިތްވީއެވެ. މަންމަގެ އެދުމާއި ދެކޮޅަށެވެ. މަންމަގެ އާދޭސްތަކާއި އެކަނިވެރިކަން ކުޑަކޮށްވެސް ވިސްނާލުމެއް ނެތިއެވެ. އެންމެފަހުން ބައްޕަ ބުނެލީ މިހެންނެވެ. “ދަރިންނަށް ކިޔަވައިދޭނެ ގޮތަކާ ޚުދް އަހަރެމެންގެ މުސްތަގްބަލަށް ޓަކާ ޖެހޭނީ ކޮންމެހެންވެސް މިކަން ކުރަން………. ”

ބައްޕަގެ އެނިންމުން މަންމަގެ ހިތްވަރު އެލުވާލައިފިއެވެ. މަންމައާއި އަހަރެމެން ދެބޭން  އެކަނިކޮށްލާފައި ބައްޕަ ދިޔައީއެވެ. އޭގެ ފަހުން ބައްޕަގެ ޚަބަރެއް ނުވެއެވެ. އެނގޭ އެއްޗަކީ ހަމައެކަނި ބައްޕަ ބޯޓު ދަތުރުކުރަން ދިޔަ ކަމެވެ.

މަންމަގެ ޒުވާން އުމުރުގައި ބައްޕައަށް ޓަކައި އޮހޮރަމުން ދިޔަ ކަރުނަތައް އެންމެ ގާތުން ދުށް މީހަކީ އަހަންނެވެ. ފިރިއަކާ ނުލައި އަންބެއްގެ ހަޔާތް އެކަނިމާއެކަނި ވޭތުކުރުމަކީ ކިހާ ހިތްދަތިކަމެއްކަން ބައްޕައަށް އިހްސާސް ނުކުރެވުނަސް މަންމަގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކުން އެކަނިވެސް އަހަންނަށް އެކަން ފާހަގަ ކުރެވެއެވެ.

ހިތްވަރުގަދަ މަންމަ ،ބައްޕަ ނެތްކަމުގެ އުނިކަން އަހަރެމެންނަށް އިހްސާސްވިޔަ ނުދިނުމަށްޓަކައި ކިތަންމެހާވެސް މަސައްކަތެއް ކުރިއެވެ. ހެނދުނު ހެނދުނާ ތެދުވެގެން ބޮނބިފާލަށް ދެއެވެ. އެ ބޮނބިތައް އޭގެ އެކި މަރްހަލާ ކަޑައްތު ކުރުމަށް ފަހު ރޭގަނޑު ރޯނުވަށައެވެ. އަނެއްބައި ދުވަހު ވަލަށްގޮސް ފަން ހޮވައިގެން އައިސް ފަންގި ވިނދެއެވެ.ގޭގެއަށްް ތެޔޮ ފެލައިދީގެންނާއި މަސް ކައްކައިދީގެން އަހަރެމެން ތިން މައިންގެ ދުވަހުފުރާގު ބަރާބަރު ކޮށްދެއެވެ.

އަހަރެން އުޅުނީ ރަށު މަދަރުސާގައެވެ. އަހަރެން ހިތްވަރުކުރީ މަންމަގެ މި އަގުބޮޑު މަސައްކަތް އެއީ ބޭކާރު އެއްޗަކަށް ނުހެދުމަށެވެ. ކިޔެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރީމާ ތާއެވެ. ގްރޭޑް 10 ނިމިގެން ފާސްވި ކުދިންގެ ތެރއިން އެންމެ މަތީ މާކްސް ލިބުނީ އަހަންނަށެވެ. ދެން ހުރީ ކޮއްކޮއެވެ. ކޮއްކޮ އޭރު ކިޔަވަނީ ގްރޭޑް 8ގައެވެ.

ބަރާބަރު 10 އަހަރަށް ފަހު ބައްޕަގެ ޚަބަރު ފުރަތަމައަށް އަހަރެމެންނަށް ލިބިއްޖެއެވެ. އެކަމަކު އެ ޚަބަރު ނުލިބުނުނަމަ މާރަނގަޅުވީސްކަން ނޭގެއެވެ. ބައްޕަ ދަތުރުކޮށްފައި އައިސް މާލެއިން ގެއެއް ގަނެގެން ، މާލޭން މީހަކާ އިންޚަބަރެވެ. މި ޚަބަރު ލިބުމުން މަންމައަށް ވާގޮތް އަހަރެން ބެލީމެވެ. ހަމަ ފިސާރި ތެދެކެވެ. މަންމައަށް ވީ ވަރަށް އާދައިގެ ވާހަކައަކަށެވެ.

އޭގެ ދެތިން ދުވަސް ފަހުން ބައްޕަ ރަށަށް އަތުވެއްޖެއެވެ. އައީ ދޮންމަންމައާވެސް އެކުގައެވެ. އަހަންނަށް ދޮންމަންމަ ފެނުމުން ކިތަންމެ ނުރުހިފާ ހުރެގެން ނަމަވެސް ސަލާން ކޮށްލީމެވެ.އެވަގުތު  ބައްޕަ އަހަރެންގެ ތައާރަފްގެ ގޮތުން ބުންޏެވެ. ” ތިޔައީ ލުބްނާ …… އަދި އަހަރެންގެ ދޮށީ ދަރިފުޅު. ….”  ބައްޕައަށް ސަމާލުކަން ދޭހިތެއް ނުވިއެވެ. އަހަރެން ހިނިތުންވެލީމެވެ. މާނައެއް ނެތް ހިނިތުން ވުމެކެވެ. ދޮންމަންމަ އަހަރެން ގެނެސް ކައިރިކޮށްލިއެވެ. އަހަރެންގެ ކޮލުގައި ފިރުމާލަމުން ބުނެލިއެވެ. ” ވަރަށް ލޯބި. ތިޔައީ އަހަރެންގެ އަމިއްލަ ދަރިއެއް. ….”

އަހަރެން އިސް ޖަހައިގެންހުރެގެން ކޮއްކޮއަށް ބަލާލީމެވެ. އޭނާ ހުރީ ރަކިވެފައެވެ. އަދި މަންމަ….. !؟  އަހަންނަށް މަންމައަ މެދު  ޚިޔާލު ކޮށްލެވުނެވެ. މަންމަވީ ކޮންތަނަކު ކަންވެސް ނޭގެއެވެ. ދޮންމަންމަގެ ކިބައިން ވީއްލިގެން މަންމަ ހޯދަންވެގެން މުޅި ގޭތެރެ ބަލާ ނިމުނުއިރުވެސް މަންމައެއް ނުފެނުނެވެ. އަހަރެން  ގެއިން ނުކުމެގެން ދުއްވައިގެންފީމެވެ. މަންމަ ފެނޭތޯއެވެ. އެންމެ ފަހުން މަންމަ ފެނިއްޖެއެވެ. މަންމަ އިނީ އަތިރިމަތީގައި އޮތް ލަކުޑިގަނޑެއްގައި ދެއަތުން ދަތްދޮޅިގައި ހިފަހައްޓައިގެންނެވެ. އަހަރެން ގޮވާލުމުންވެސް މަންމަ އެކައްޗެކޭވެސް ނުބުންޏެވެ. ރަނގަޅަށް ބަލާލިއިރު މަންމަގެ ލޮލުން ކަރުނަ އޮހޮރެނީއެވެ.

 

ބައްޕަ ގަސްދު ކުރީ  އަހަންނަށް އިތުރު ތައުލީމު ހޯދައިދިނުމަށްޓަކައި މާލެ ގެންދިއުމަށެވެ. އަހަންނާއެކު ކޮއްކޮވެސް ގެންދާ ގޮތަށެވެ. މަންމަ އެކަނި ކޮށްލާފައެވެ. މަންމަ ދޫކޮށްލާފައި ނުދިއުމަށް ކިތަންމެ ވަރަކަށްވެސް ގަދަ ހެދީމެވެ. އެހެންނަމަވެސް މަންމަވެސް އަހަރެމެންނަކީ މޮޅު ދަރިން ތަކަކަށް ހެދުމުގެ ހުވަފެންތަކެއް ދެކޭތީ މަންމަގެ އެދުމާވެސް އެކު އަހަރެމެން މާލެއައީ ހަމައެކަނި އެންމެ މަގްސަދެއްގައެވެ. ހަމައެކަނި ކިޔެވުމަށެވެ.

މިހާ ހިސާބުން ދޮންމަންމަ ބަދަލުވެއްޖެއެވެ. އަސްލުގައިވެސް ދޮންމަންމަ ދޮންމަންމައަކަށް ބަދަލުވެއްޖެއެވެ.

ހިތާމައަކީ ބައްޕައަށް މިކަން އެގޭއިރުވެސް ބައްޕަގެ ލެއިން އުފެދިފައި ވާ މި ދެދަރިން މިފަދަ ހާލުގައި އުޅެން ހިތްހަމަ ޖެހޭކަމެވެ.

 

އިނާޒަކީ ވަރަށް ރީތި ޒުވާނެކެވެ. އަހަރެންގެ ކްލާސް ކުއްޖެކެވެ. ކިޔެވުމުގައި އަހަންނަށް ވަރަށް ގިނަގުނަ އެހީ އޭނާ ވެދިނެވެ. އެންމެ ފުރަތަމަ ދުވަހުވެސް އޭނާ އަހަރެން ފާހަގަ ކުރިއެވެ. ކްލާހުގައި އަހަރެން އިން ބީރައްޓެހި ގޮތް ފެނިފައި އަހަރެންގެ ގާތަށް އައިސް ހަމަ ހުރިހާ ވާހަކައެއް އެހިއެވެ.އޭގެ ފަހުން އޭނާ އަހަންނަށް އެތައް ކަންތައް ތަކެއް އޮޅުން ފިލުވައިދެމުން ގެންދިޔައެވެ. އެންމެފަހުން އަހަރެންގެ ހިތުގައި އޭނާގެ ނަން ލިޔެވިއްޖެއެވެ. ލޯތްބަކީ ކިހިނެއްވާ ކަމެއްކަމެއް ނޭގުނަސް  އަބަދުވެސް އޭނާގެ ގާތުގައި އުޅޭ ހިތްވުމާ އޭނާގެ ޚިޔާލުތައް އަހަރެންގެ ހުސް ހިތުގައި އެހެން އެއްވެސް ކަމެއް ވިސްނާ ނުލެވޭވަރަށް އޭނާގެ ހަނދާންތައް ފުރާލައިފިއެވެ.

އޯލެވެލްއިން 3 އޭ ހޯދުމަށް ފަހު އަހަރެން ގެއަށް އައީ ވަރަށް އުފަލުންނެވެ. މިކަމަށް ދޮންމަންމައާ ބައްޕަވެސް ވަރަށް އުފާ ކުރާނެކަމަށް ހީކޮށްފައެވެ. ގެއަށްދިޔައިރު ބައްޕައާ މަންމަ ޖޯލިފަތީގައި ކޮންމެވެސް ވާހަކައެއް ދެއްކުމުގައި ގެއްލިފައި ތިއްބެވެ. އަހަރެން ފެނުމާއެކު އެދެމީހުންވެސް ސިހިއްޖެއެވެ. ވާގޮތެއް ނޭގި އަހަރެން ގޮސް ބައްޕަގެ އުނގަށް ރިޕޯޓް ވައްޓާލައިފީމެވެ.  ބައްޕަ އެ ބަލާލާފައި މަޑުމަޑުން ހީނލިއެވެ. ދޮންމަންމަ ބަލާވެސް ނުލިއެވެ. މިއީ އަހަންނަށް ކަމުދާ ގޮތަކަށް ނުވިއެވެ. “މަންމަ އުފަލެއް ނުވޭ ހެއްޔެވެ؟ ” އަހަރެން އަހާލީމެވެ. ޖަވާބުގައި މަންމަގެ ރުޅިވެރި މޫނު އަހަރެންނަށް ދައްކާލުން ފިޔަވައި އިތުރު އިނާމެއް ނުލިބުނެވެ.

އަނެއް ދުވަހު ހަވީރު ބައްޕައާއެކު ގެއަށް އައި މެހްމާނަކަށް އަހަންނަށް ސައިހަދައިދޭން ޖެހުނެވެ.. ކާކޮޓަރީގައި އިނީ އޭނާ އެކަންޏެވެ. މިވަނީ ކީއްކަންވެސް ނޭގި އަހަރެން އޭނާއަށް ސައި ހަދައިދޭން ފަށައިފީމެވެ. އަހަރެން ނުދަންނަ މި މީހާ ހަމަސީދާ އަހަންނަށް ބަލަހައްޓައިގެން ހިނި އައިސްފާ އިނެވެ. އަހަންނަށް ވުރެ އަށެއްކަ އަހަރު ދޮށީ މި ފިރިހެނާ އެގޮތަސް އަހަންނާ ދިމާލަށް ބެލުމަކީ އަހަންނަށް ގަބޫލުކުރެވޭ ކަމަކަށް ނުވިޔަސް އަޚްލާގީ ފަރުޟަކަށް ވާތީ އެކަމާ އަޅާލެވޭކަށް ނެތެވެ.

“ލުބްނާވެސް ސައިބޯންވީނު.” އެމީހާ ބުންޏެވެ.

“ނޫން. …. އަޅުގަނޑު ސައިބޮއިއުޅެނީ ކޮއްކޮއާއެކު. …. ކޮއްކޮ ވީ ސްކޫލްގައި. ”

“އެކަމަކު އަހަރެންނާއެކު ސައިބޯން އާދަކުރަން ޖެހޭނެ. އަހަންނަކީ ……” އެމީހާ އެހެން ބުނާ އިރަށް އަހަރެން ސިހިއްޖެއެވެ. އެއާއެކު އަތުގައިހުރި ފެންތަށި ވެއްޓި ތެޅިއްޖެއެވެ.

“އަހަންނަކީ މަޖީދު. ”

އެރޭ ގޭތެރޭގައި އާދަޔާ ޚިލާފަށް މީހުން ގިނައެވެ.ދޮރުފޮތި ތައްޔާރުކުރުމާ ގޯއްޗަށް ދޮންވެލި ލުމާ ކުލައާއި ދަވާދު ލުމުގައި މީހުންތައް ހަރަކާތްތެރިވަމުން ދެއެވެ. ހީވަނީ އަލަތު ކައިވެންޏަކަށް ގެ ތައްޔާރުވަމުން ދަނީހެންނެވެ. ވާއެއްނުވާއެއް ނޭގިހުއްޓާ ކޮއްކޮ އައިސް ދައްތައަށް ފޯނެއް އެބައޮތޭ ބުނުމުން އަހަރެން ގޮސް ފޯނުނަގައިފީމެވެ.

“ވާހަކަ ދައްކަނީ މަޖީދު . ….”

ލައްބަ. …..ކިހިނެއްވީތޯ ؟ ”

ހެދުން ފަހައިފިންތަ؟ ”

އޭނާގެ މި ސުވާލުން އަހަރެން ހާސްކުރުވަން ފަށައިފިއެވެ.

“ކޮން ހެދުމެއް؟ ” އަހަންނަސް އަހާލެވުނެވެ.

“ކައިވެނީގެ ހެދުން…..”

ކާކުގެ؟ ….”

އަހަންނަށް ބުނާނެ އެއްޗެއް ނޭގިއްޖެއެވެ. ވާހަކަ ދެއްކުމުގެ ބާރު ކެޑިގެންގޮސް ރިސީވަރު ބާއްވައިފީމެވެ. ދުވެފައިގޮސް ކޮއްކޮގެ ކޮޓަރިއަށް ވަދެއްޖައީމެވެ. އަހަރެންގެ ހިތް ފުރެންދެން ރޯން ފަށައިފީމެވެ. ބައްޕަ އަހަރެންގެ ހަށިގަނޑު ވިޔަފާރި މުދަލަކަށް ހަދާލީއެވެ. އަހަރެން ވިއްކާލީއެވެ. ހަމަ އެވަގުތު ބައްޕަ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އަހަރެން ގެނެސް ބައްޕަގެ މޭގައި ލައްކޮށްލުމުން އަދި މާ ބޮޑަށް ދެރަވެއްޖެއެވެ.  “ނޫން ދަރިފުޅާ !  މީގައި އޮތީ ދަރިފުޅަށް މުޅިންވެސް ފައިދާ ….”

“ފައިދާއާއި ގެއްލުމަކީ ވިޔަފާރީގެ އުސޫލު. އަހަންނަކީ ވިޔަފާރި މުދަލެއް ނޫން ބައްޕާ. ”

ބައްޕަ އެވިސްނީ ބައްޕަގެ އިއްޒަތާ ގަދަރަށެވެ. އެއިއްޒަތާ ގަދަރުގެ ކުރިމަތީގައި ދަރިފުޅުގެ މުޅި ހަޔާތް ބަރުބާދުކޮށްލުމަކީ ވެސް ބައްޕައަށް ލިބޭ އުފަލެކެވެ.

“ދަރިފުޅު ރަނގަޅަށް ވިސްނާ …… މި ބައްޕައަށްޓަކައި ހަމައެކަނި މިކަންތައް ކޮށްލަދީ …..އެއީ ދަރިފުޅުގެ ކިބައިން ދުވަހަކުވެސް ބައްޕަ އެދޭނެ ހަމައެކަނި އެދުން. ” ބައްޕަ ހިނގައްޖެއެވެ.

އަހަރެންގެ ކުރިމަތީގައި އިނާޒް ސިފަވެލިއެވެ. އޭނާގެ ރޮވިފައިވާ މޫނާއި އެވަފާތެރިކަމުގެ މި އަގެއްނެތް އިންސާނާގެ މޫނަށް އޭނާ ކުޅުޖަހަންވެސް ފަހަށް ނުދާނެކަން ނޭގެއެވެ.  އެހެންނަމަވެސް ކުރާނެ ކަމެއް ނެތްތާއެވެ.  ކޮންމެ ގޮތަކަށް އަހަންނާމެދު ކަންތައް ކުރިނަމަވެސް އަހަރެން ނިންމީ ބައްޕަގެ ގަދަރާއި އިއްޒަތް ސަލާމަތްކުރާށެވެ. ބައްޕައަށްޓަކައި މިކަން ކޮށްދޭށެވެ.

ދުވަހަކުވެސް ފެނިދެނިވެ ބައްދަލުވެ ވާހަކަ ދައްކާލުމުގެ ފުރުސަތުވެސް ލިބިފައިނުވާ މަޖީދުއާ ރައްޓެހި ވުމުގެ ބޭނުމުގައި އަހަރެން ގުޅާލައިފީމެވެ. އެހެންނަމަވެސް އޭނާ އަށް މި އަގުބޮޑު ފުރުސަތުވެސް ވީ ވަރަށް އާދައިގެ ފުރުސަތަކަށެވެ. “މިހާރު އަހަރެންގެ ކުރިމަތީގައި އޮތީ ދިހަލައްކަ ރުފިޔާގެ އަގުބޮޑު ވިޔަފާރިއެއް. މި ވަގުތު ވަރަށް ބިޒީ…..ފަހުން ގުޅާލާނަން. ” ފޯނު ބޭއްވީއެވެ.

މިކަހަލަ ބިޒީ މީހަކާއެކު އަހަރެންގެ މުޅި ދިރިއުޅުން ހަވާލުކުރަން ބައްޕަ  ގަސްތު ކުރާއިރު ޚުދު އަހަރެން އޭނާގެ ބިޒީ ދުނިޔެއަށް ވަދެގެން އަހަންނަށް ލިބޭނީ ކޯއްޗެއް ހެއްޔެވެ.؟….. ބައްޕަ އަހަންނަކީ ފަތަން ނޭގޭ މީހެއްކަން އެނގޭއިރު ވެސް ކަނޑަށް ވައްޓާލީއެވެ.

އަހަރެންގެ ކައިވެނި މަޖީދުއާ އޭގެ އަނެއް ރޭ ކުރެވިއްޖެއެވެ.

ކުރިއްސުރެވެސް އަހަރެން ވަނީ ވަރަށްްބޮޑަށް ވަރުބަލިވެފައިކަމުން ފިރިމީހާ ކޮޓަރިއަށް ވަނުމާއެކު އަހަންނަށް އެނދު މައްޗަށް ވެއްޓިގަނެވިއްޖެއެވެ.ދެން އަހަންނަށް ހޭލެވުނު އިރު ކޮޓަރި ތެރޭގައި އަހަރެންގެ ފިރިމީހާއެއް ނެތެވެ. އަހަރެން ހެޑްލައިތް ދިއްލާލުމާއެކު ސައިޑްޓޭބަލް މަތީގައި އޮތް ކުޑަކުޑަ ނޯޓެއް ބަލާލީމެވެ.

ލުބްނާގެ މަންމަ ބަލިވެގެން މާލެ ގެނައި ޚަބަރު ލިބުމާއެކު އަހަރެން މިދަނީ ހޮސްޕިޓަލަށެވެ.ހޭލެވުނު އިރަކުން އަވަހަށް ހޮސްޕިޓަލަށް އަންނާށެވެ.

ބަރާބަރު ހަތް ދުވަހަށްފަހު މަންމަ ގެއަށް ގެންދިޔައިރު ޑޮކްޓަރުވަނީ މަންމަ ހިތްހަމަޖައްސައި ދިނުމަށް އެދިފައެވެ. އެހެންނޫންނަމަ ފުރާނައަށް ގެއްލުމެއް ލިބިދާނެކަމުގެ އިންޒާރު ދީފައެވެ. ޑޮކްޓަރު މިހެން ބުންޏަސް މަންމަ ހިތްހަމަޖައްސައިދެވޭނެ ހަމައެކަނި މީހަކީ ބައްޕައެވެ. ބައްޕަގެ ގެއިން މަންމައަށް ދަތުރުވެރިއެއް ފަދައިން ޖާގައެއް ލިބުނަސް ބައްޕަގެ ލޯބި ނުލިބޭކަމަށް ވާނަމަ މަންމަގެ ހާލު ދާނީ ދަށަކަށް ނޫން ހެއްޔެވެ؟ ކަންވީވެސް އެހެންނެވެ. ބައްޕަ މަންމައާއި ބައްދަލެއް ނުކުރިއެވެ. މަންމަ ހީކުރިފަދަ އޯގާތެރިކަމެއް  ބައްޕަގެ ކިބައަކުން ނުލިބުނެވެ. އެންމެފަހުން ބައްޕަގެ މި އަޅާނުލުމާ ދޮންމަންމަގެ މަލާމާތުގެ ބަސްތަކަށް ކެތްނުކުރެވިގެން މަންމަ ގެއަށް ގެނައިތާ ދެވަނަދުވަހުގެ ރޭ ދުނިޔެ ދޫކުރީއެވެ.

އެއީ ކޮންކަހަލަ ބައްޕައެއް ހެއްޔެވެ؟ ކުޑައިރު އަހަރެމެންނާއެކު މަޖާކޮށް ކުޅެއުޅުނު ބައްޕަ ،ގުރައިދޫ ދޮން ޔޫސުފު  އަހަރެމެންނަށް ޓަކައި މަރުވީއެވެ. މިހާރު އަހަރެމެންނަށްޓަކައި ދުނިޔޭގައި ހުރި މީހަކީ މާލޭ ދޮން ޔޫސުފެވެ. ބަދަލުވީއެވެ. ދެން އަހަރެމެންވެސް ޖެހޭނީ ބަދަލުވާށެވެ. އެހެންކަމުން އަހަރެން ގަސްދުކުރީ ބައްޕަގެ ކިބައިން ބަދަލު ހިފުމުގެ ފުރަތަމަ ފިޔަވަޅު އެޅުމަށެވެ. އެއީ އަހަރެންގެ ހުސްހަށިބައި ހަޔާތުގައި ޖެހުނު ބައްޕައަށްތަކައި ކުރެވުނު ކައިވެނީގެ “ލައްގަނޑު ” ފިލުވާލާށެވެ.

އަހަރެންގެ ވާހަކަތައް މަޖީދުއަށް ވަރަށް ރަނގަޅަށް ކިޔައިދިނީމެވެ. މިއީ ބައްޕްމެންގެ ރޭވުމެއް ކަމާއި އަހަންނަކީ އެހެންމީހަކާ އިނުމަށް ތައްޔާރުވެފައިވާ މީހެއްކަމާއި އޭނާ ފިޔަވައި ދުވަހަކުވެސް އެހެން މީހަކުދެކެ ލޯބި ނުވެވޭނެވާހަކަ އާއި ލޯތްބާ ނުލާ ޒަވާޖީ ހަޔާތެއް ގާއިމްނުކުރެވޭނެކަން މަޖީދުއަށް ކިޔައިދިނުމުން އޭނާ އަހަރެންގެ ކިބައިން މައާފަށް އެދިފައި މިނިވަން ކޮށްދީފިއެވެ.

ބައްޕަ ކިތަންމެވަރަކަށްވެސް ރުޅި އައެވެ.  އެކަމަކު ބައްޕަގެ މި ނާކާމިޔާބަށްޓަކައި އަހަންނަށް ހީނގަނެވުނެވެ. ތިންމަސްވެސް ނުވަނީސް އަނެއްކާވެސް އެހެން މީހަކަށް އަހަރެން ވިއްކާލުމުގެ ތައްޔާރުތައް ކުރަން ފަށައިފިއެވެ. އެކަން ހަމަ އެނގުނު ވަގުތު އަހަރެންގެ ރުޅި ކޮންޓްރޯލުން ބޭރުވެގެންގޮސް ބައްޕަގެ ކުރިމައްޗަށް ހުއްޓި ހިތުގައި އޮތް ހުރިހާ އެއްޗެއް ކިޔައިފީމެވެ. ޖަވާބުގައި ބައްޕަ އަހަރެންގެ މޫނުގައި އެތަކެއް ފަހަރު ގޮންމުށުގެ ހަމަލާތައް އަރުވަމުން ގެންދިޔައެވެ. އެންމެފަހުން އަހަރެން ކޮއްޕާލިލެއް ބާރުކަމުން ގޮސް ފާރުގައި ބޯޖެހި ބޯފަޅައިގެން ދިޔައީއެވެ. ދެން…….ހޭނެތުނީއެވެ.

ބައްޕަދެކެ އަހަރެން ބިރުގަންނަން ފަށައިފިއެވެ. އެހެންކަމުން އަހަރެން ގަސްދުކުރީ ދެވަނަ ލަނޑެއް ލިބުމުގެ ކުރިން މިތަނުން ސަލާމަތްވާށެވެ. މިރަށުންވެސް ދާށެވެ. އެންމެ ބޭނުމެއްގައެވެ. ދަރިއަކު ބައްޕައަށް ފިލާށެވެ. ދުވަހަކުވެސް އެބައްޕަގެ ބާރު ނުފޯރާ ހިސާބަށްދާށެވެ.

 

އޭނާގެ ކޮނޑުގައި މީހަކު އަތް ބާއްވާލިހެން ހީވުމާއެކު ސިއްސައިގެންދިޔައެވެ.އެއާއެކު އޭނާގެ ޚިޔާލުތައްވެސް މެދު ކެނޑިއްޖެއެވެ. އޭނާ އެނބުރި ބަލާލިއެވެ. ފަތިސްވެ އަލިވިލެނީއެވެ. ރިހި ފަތިހެއްގެ އަލީގެ ތެރއިން އޭނާއަށް ފެނުނީ އިނާޒްއެވެ. ގަބޫލު ނުކުރެވޭ ފަދައަކުން އިނާޒަށް ބަލާލިއެވެ. “އާނ…… މިއީ އިނާޒް. ”

އަދި މިއީ ދައްތަގެ ލިބްދާ ކޮއްކޮ…….” ފަހަތުން އައި މިއަޑުވެސް އޭނާގެ ސަމާލުކަމަށް ގެނައެވެ. “ދައްތާ. އަހަރެން ހުރިހާ ވާހަކައެއް އިނާޒަށް ކިޔައިދިނިން. އަދި ބައްޕަގެ އަނިޔާއިން ސަލާމަތް ވުމަށްޓަކައި ދައްތަ މިރޭ ރަށަށްދާ ވާހަކައާއި ރަށަށްދަނީ މި ދޯނިންކަން އެނގުމުން އަހަންނަކީވެސް ބައްޕަގެ ދަރިއަކަށް ވާތީ އަހަންނާމެދުވެސް ހަމަ ދައްތައާމެދު ކަންތައް ކުރިގޮތަށް ކޮށްފާނެކަމުގެ ޔަގީންކަން އޮތީމާ ދައްތަގެ ފަހަތުން އައީ. ”

“އަހަރުމެން އުޅުނީ ލުބްނާއަށް ސަޕްރައިޒެއްދޭން. ” އިނާޒްގެ މި އަޑަށް ލިބްދާ ހޭން ފަށައިފިއެވެ. އެއާއެކު އެތައް ދުވަހެއްގެ ފަހުން ލުބްނާވެސް މިނިވަންކަމާއެކު އަޑުވީއްލާ ހީގަތެވެ. (ނިމުނީ )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top