އެމަނިކުފާނުގެ މިހެން ވިދާޅުވީ ގައުމީ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާ މެސެޖުގައެވެ. ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ތަހުނިޔާ ފޮނުއްވީ އެކްސް މެދުވެރިކުރައްވައި، ވަކިވަކިން ހިއްސާކުރެއްވި ދެ ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒުގެ މެސެޖްގައި، މި އުފާވެރި ދުވަހު އެމަނިކުފާނުގެ ހިތުގެ އިހްލާސްތެރި ހެޔޮ ދުއާތައް ވަނީ، ދިވެހި ކޮންމެ މާމައަކާއި ކާފަޔަކާ އެކުގައި ކަމަށްވެސް ވިދާޅުވިއެވެ.
މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވެސް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އެގޮތުން މެޑަމް ސާޖިދާ ފޮނުއްވި މެސެޖުގައި ވިދާޅުވީ، އާއިލީ ގުޅުންތައް ދަމަހައްޓައި، ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ މުޖްތަމަޢެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑުކަމަށެވެ. އަދި އެކަމަނާގެ ހިތުގެ އިޚްލާސްތެރި ހެޔޮ ދުއާތަކާއެކު، މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް ދިވެހި މާމައިންނާއި ކާފައިންނަށް ފޮނުއްވާފައިވެއެވެ.
ގައުމީ މާމަ، ކާފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހެވެ. ގައުމީ މާމަ، ކާފައިންގެ ދުވަހެއް ކަނޑައަޅައި އެދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ގައުމަށާއި އެމީހުންގެ އާއިލާއަށް ކޮއްދެއްވާ ޚިދުމަތްތައް ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުމެވެ.
ޤައުމީ ފެންވަރުގައި މާމަ، ކާފަ ދުވަސް ފާހަގަކުރުމުގެ މަގުޞަދަކީ އުމުރުން ދުވަސްވީ މީހުން ގައުމަށް ކޮށްދީފައިވާ ޚިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމާއި، އެ މީހުންނަށް ލިބިފައިވާ ތަޖުރިބާއާއި މައުލޫމާތު ހިއްސާ ކުރުމަކީ މުހިންމު ކަމެއްކަން ހާމަކޮށްދިނުމާއި، މުޖުތަމައުގައި ދިރިއުޅޭ ކޮންމެ ގިންތިއަކާއި، ފަންތިއެއްގެ ބަޔަކު ވެސް ހަވާސާކުރުމެއްނެތި އެންމެންގެ ބައިވެރިވުން އެކުލެވޭ ވެއްޓެއްގެ ގޮތުގައި މުޖުތަމައު ހެދުމެވެ.





