ހިތްވަރު ދިނުމުގެ ގައުމީ އިނާމު އާމިރާ އަށް

IMG_20250824_150455_516-1536x1024-1.jpg

ދިވެހިބޭސްވެރިކަން ކުރުމާއި، އެ މަސައްކަތް ތަރައްގީކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު، ބ.ކެންދޫ ފެހިއަލި، އާމިރާ ސުލައިމާނަށް މިއަދު ލިބިވަޑައިގެންފި އެވެ.

އާމިރާއަށް މި އިނާމު ހަވާލުކޮށްދެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހއ.އުތީމުގައި އޮތް ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒެވެ. އާމިރާގެ އިތުރުން ޖުމްލަ ނުވަ ބޭފުޅަކަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު މިއަދު ލިބިވަޑައިގެންނެވި އެވެ.

ދިވެހި ބޭސް ކުރުމާއި ބޭސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމުގެ ރޮނގުން ހިިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަތް އާމިރާ އަކީ އެ ދާއިރާއިން ގިނަ އަހަރުތަކެއް ވަންދެއް ޚިދުމަތުގައި ދެމިހުންނެވި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ކަނބަލެކެވެ. އޭނާގެ ގާތުން ދިވެހި ބޭސްވެރިކަމުގެ ފަރުވާ ހޯއްދެވުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުން އެތައްބަޔަކު އައިސް ފަރުވާ ހޯދައެވެ.

އާމިރާއަކީ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އިޚްލާސްތެރި ކަމާ އޯގާތެރިކަން އިސް ކުރައްވާ ކަނބަލެއްކަން އޭނާގެ ގާތުން ފަރުވާ ހޯއްދަވާފައިވާ މީހުން ފާހަގަ ކުރައްވައެވެ. އުމުރުން 20 އަހަރުން ފެށިގެން މި ދާއިރާގައި މެދުކެނޑުމެއްނެތީ ޚިދުމަތް ކުރައްވަމުން ދާއިރު ބޭސްވެރިކަމުގެ ރޮނގުން އޭނާ ދަރިވަރުވެފައިވަނީ ދިވެހި ބޭސް ވެރިކަމުގައި ވަރަށް ގިނަ ދުވަހު ހިލޭ ސާބަހަށް މަސައްކަތް ކުރައްވާފައިވާ އިތުބާރު ދިވެހި ބޭސް ވެރިޔާ އަދި އާމިރާގެ ބޮޑުބޭބެ އަލްމަރުހޫމް ކެންދޫ ޔޫސުފް ހުސޭން (ދޮން ޔޫސުފް) ގެ އަރިހުންނެވެ. ދޮން ޔޫސުފަކީ ދިވެހި ބޭސްވެރިކަމުގެ ރޮނގުން ބޭސްވެރިކަމުގެ އާންމު ޚިދުމަތުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

ޢާމިރާ އެންމެ ފާހަގަކުރެވެނީ، ރާއްޖެބަލި ނުވަތަ އާތްރައިޓްސްގެ އެކި ވައްތަރުތަކަށް ދޭންޖެހޭ ފަރުވާ ހޯއްދަވައި، އެ ބައްޔަށް ދޭންޖެހޭ ބޭސް ތައްޔާރު ކުރައްވައި، ކާމިޔާބު ކަމާއެކު އެކަމަށް ފަރުވާ ދެއްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

ރާއްޖެބަލީގެ އިތުރުން، ޢާމިރާ ފަރުވާދެއްވާ ބަލިތަކުގެ ތެރޭގައި، ދަރިމައިވުމުގެ ކަންކަމާއި، ސްޓްރޯކް ޖެހުމާއި، ވައިގެ އެކިކަހަލަ މައްސަލަތައް ހިމެނެއެވެ. ހަމައެހެންމެ ފުރަގަސްފަރާތު ބައްޔާއި، އެލަރޖީ އަދި ކޮލެސްޓްރޯލްގެ މައްސަލައަށާއި، ޔޫރިކް އެސިޑްގެ ސަބަބުން ދިމާވާ ކަންކަމަށާއި، ކިޑްނީގެ ބަލިތަކަށްވެސް ފަރުވާދެއްވަމުން ގެންދަވައެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top