އޭދަފުށްޓާ މާލެއާ ދެމެދު މީހުންނާއި މުދާއުފުލާ ބޯޓެއްްގެ ޚިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.
މުޅިން އަލަށް ބަނދެފައިވާ “އުފާ ” ބޯޓުގެ ވެރިޔާ އޭދަފުށީ ވައިލެޓްމާގޭ އިބްރާހީމް ރަޝީދު ބުނުއްވީ ބޯޓު އޮޕަރޭޝަނަށް ނުނެރެވި ލަސްވަނީ ބޯޓުގައި ކުރަންވެފައިހުރި ކުދިކުދި މަސައްކަތްކޮށް އަދިވެސް މުޅިން ނިންމާނުލެވޭތީ ކަމުގައެވެ.
އެހެންނަމަވެސް މި ރޯދަމަސް ނިމުމުގެކުރިން ބޯޓުގެ ދަތުރުތައް ފެށިގެން ދާނެކަމަށް އޭނާ އުންމީދު ކުރައްވައެވެ.
އިބްރާހީމް ބުނުއްވީ ބޯޓްގެ ދަތުރުތައް ފެށުމާއެކު ޚާއްސަކޮށް އޭދަފުށީގެ ވިޔަފާރިވެރިންނާ ރައްޔިތުން މާލެއިން މުދާ ގެނައުމާ ގެންދިއުމުގައި ދިމާވާ ދަތިތަކާ އުފުލަން ޖެހޭ ތަކްލީފުތައް ނިމުމަކަށް އަންނާނޭ ކަމުގައެވެ.
“އަޅުގަނޑު މަސައްކަތްކުރާނީ އަޅުގަނޑުގެ ފަރާތުން ޚިދުމަތްހޯދާ މީހުންގެ ހިތްހަމަޖައްސައިދެވޭތޯ. ވިޔަފާރި އުސޫލުން ކުރާ ކަމަކަށްވީމާ ބަލަން ޖެހޭނީވެސް އެގޮތަށް ކަމުގައި ދެކެނީ. އެއްގޮތަކަށްވެސް އަޅުގަނޑުގެ ފަރާތަކުން އެއްވެސް މީހަކަށް ގެއްލުމެއް ވިޔަކަ ނުދޭނަން. މަސައްކަތް ކުރާނީ ޒިންމާދާރުކަމާއެކު ޒިންމާ ނަގައިގެން. ” އިބްރާހީމް ބުނުއްވިއެވެ.
އިބްރާހީމް ބުނުއްވަނީ ބޯޓުގައި ދަތުރު ކުރައްވާ ޕެސެންޖަރުންގެ އަތުން ނަގާ ފީވެސް އެހެން ބޯޓު ފަހަރުން ނަގާ ފީއަށް ވުރެ ބޮޑު ނުވާނެ ކަމަށާއި ބޮޑަށް މިބަލަނީ އެއަށްވުރެ އަގުހެޔޮ ކުރެވޭތޯ ކަމުގައެވެ.
އެހެން ބޯޓުތަކާ ތަފާތުވާނެކަމަކީ ކޮބައިތޯ އެހުމުން ބުނުއްވީ ޚިދުމަތް ދިނުމުގައި ހަމަގައިމުވެސް އެހެން މީހުންނަށް ވުރެ ރަނގަޅު ކުރާނޭކަމުގައެވެ. ބޯޓުން އެއްވެސް މީހެއްގެ މުދާ ގެއްލިގެން ދިޔަކަ ނުދޭނަން ކަމަށާއި ބޯޓުގައި ކާ ވަގުތެއް ހޭދަކުރާނަމަ އެގަޑިއަކާ އެންމެ އެކަށީގެންވާ ގޮތަށް އެކަން ހަމަޖައްސައި ދެވޭނެކަމުގައެވެ.
އޭދަފުށްޓާ މާލެއާ ދެމެދު ދަތުރުކުރާ އޭދަފުށީގެ އުޅަނދެއް މިހާރަކު ނޯވެއެވެ. މީގެ ކުރިން މި ދެމެދުގައި ދަތުރު ކުރަމުން އައީ ނިޔާމަ ބޯޓެވެ. އެކަމަކުމީގެ ހައެއްކަމަސް ކުރިން ތުޅާދޫ ފަޅު ތެރޭގައި އޮއްވާ ބޯޓުގައިި އަލިފާން ރޯވި ހާދިސާއަށްފަހު މިހާރު ދަތުރުކުރަމުންއަންނަނީ ހަމައެކަނި ތުޅާދޫ އަގޯޓާ ބޯޓެވެ.
އެހެންނަމަވެސް ނިޔާމާ ބޯޓުވެސް މަރާމާތުކޮށްގެން ނިމި ލަހެއްނުވެ ދަތުރުތައް ފެށޭނެކަމުގައި މައުލޫމާތު ލިބެއެވެ.