ބ.އޭދަފުށީގައި އާޖީލަކަށް އެކެޑަމީގައި ތަމްރީނު ވަމުން އަންނަ 14 އަހަރުން ދަށުގެ ޓީމު، މެލޭޝިޔާގެ ލަންކާވީ ސީރީޒް ކަޕް 2025 ގައި ވާދަކޮށް ދެވަނަ ހޯދައިފިއެވެ.
މެލޭޝިއާގެ ލަންކާވީގައި ޖުލައި މަހުގެ 25 އިން 27 އަށް ކުރިއަށްދިޔަ މިމުބާރާތުގެ ރަނަރަޕްކަން އާޖީލަކަށް އެކެޑަމީން ހޯދާފައިވަނީ ފައިނަލުގައި ޕާކިސްތާނުގެ ޓީމަކާ ވާދަކޮށްގެންނެވެ. މިމުބާރާތުގައި މި އުމުރުފުރާއިން އެކަނިވެސް 12 ޓީމަކުން ވާދަކޮށްފައި ވެއެވެ. ރާއްޖޭގެ ޓީމުން މިމުބާރާތުގައި ހަތް މެޗު ކުޅެފަވާއިރު، ގްރޫޕު ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން 3 މެޗުން މޮޅުވެ ބަލިވެފަވަނީ 2 މެޗުންނެވެ.
އާޖީލަކަށް އެކެޑަމީގެ 10 އަހަރުންދަށުގެ ޓީމެެއްވަނީ މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައިވެސް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކޮށްފައެވެ. އެހެންކަމުން އެ މުބާރާތުގެ ތަޖުރިބާއަށް ބެލުމަށްފަހު 14 އަހަރުގެ ޓީމާއެކު މިމުބާރާތަށް ފުރީ ވަރަށް ބޮޑު އުންމީދަކާ އެކުކަމަށް އާޖީލަކަށް އެކެޑަމީގެ ހެޑް ކޯޗު ޒައިދު އަލީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
މިމުބާރާތަކީ އާޖީލަކަށް އެކެޑަމީގެ ކުދިންނަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއްކަމަށް ޒައިދު ފާހަގަކުރިއެވެ. މިމުބާރާތުގެ ސަބަބުން ކުދިންނަށް ރަނގަޅުކުރަންވީ ކަންތައްތަކެއް އެނގިއްޖެކަމަށާ، އެކަންކަމަށް ފޯކަސްކޮށްގެން ކުޅުން އިތުރަށް ރަނގަކުރާނެކަމަށް އޭނާ ބުނެފަވެއެވެ.
ލަންކާވީ ސީރީޒް ކަޕް ކޮމްޕެޓިޝަން 2025 ގައި އެއެކަޑަމީގެ 11 ކުއްޖަކު ވާދަކުރިއެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މުބާރާތުގައި ވާދަ ނުކުރެވުނު މޮޅު ކުދިން ތިބިކަމަށް ޒައިދު ވިދާޅުވިއެވެ. އަދި އެކުދިންނަށް މުބާރާތުގައި ވާދުކުރެވުނު ނަމަ މިއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުނީސްކަމަށް ޒައިދު ވިދާޅުވިއެވެ.
ޒައިދު ވިދާޅުވިގޮތުގައި ގެންދަން ބޭނުންވި ކިތަންމެ ކުއްޖަކުވެސް އެބަތިބި ކަމުގައެވެ. އެހެން ނަމަވެސް ބޮޑު ޚަރަދެއް ހިނގާކަމެއް ވީމަ ބައެއް ކުދިންގެ ޕޭރެންޓުންނަށް އެކަންކަން އެފޯޑް ނުކުރެވުނީއެވެ. ނޫނީ އެކަޑަމީއަށްވެސް އެހާ ބައިވަރު ބޮޑެތި ޚަރަދުތައް ނުކުރެވޭތީވެ ނުދެވިުނީއެވެ.
ގާތް ގަނޑަކަށް 1 އަހަރާ 4 މަސްވީ އާޖީލަކަށް އެކަޑަމީއަކީ މާލޭގެ މުބާރާތްތަކުގައިވެސް ވާދަކުރަމުން އަންނަ އެކަޑަމީ އެކެވެ. 6 އަހަރުން ދަށުން ފެށިގެން 16 އަހަރާ ދެމެދުގެ 200 ވަރަކަށް ކުދިން މިހާރުވެސް މި އެކަޑަމީގައި ތަމްރީނު ވަމުންދެއެވެ.
އާޖީލަކަށް އެކެޑަމީން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު އޮންނަ މައިލޯ ކިޑްސް ސެވަން މުބާރާތަށެވެ. އެމުބާރާތުގައި އެއެކަޑަމީގެ 10 އަހަރުންދަށުގެ ޓީމާއި 12 އަހަރުންދަށުގެ ޓީމު ވާދަކުރާނެއެވެ.






