ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ދާ ބަލި މީހުންނަށް މިއަދުން ފެށިގެން 2،000 ޑޮލަރު ވިއްކާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ބީއެމްއެލުން ބުނީ، އެންސްޕާ އަދި އާސަންދައިގެ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ފުރާ ބަލިމީހުންނަށް 2،000 ޑޮލަރު ވިއްކަމުން ދާނޭކަމަށާއި އެންސްޕާ އެހީ ލިބޭ ބަލިމީހުންނަށްވެސް 2،000 ޑޮލަރު ވިއްކާނެ ކަމަށެވެ.
ބޭސްފަރުވާގެ ކަންކަމުގައި ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް ޑޮލަރު ވިއްކާ އަދަދު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި އަންގަވާފައެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ބަލިމީހުންނަށް ވިއްކާ ޑޮލަރުގެ އަދަދު ބީއެމްއެލުން އިތުރުކޮށްފައިވާއިރު، އެ ބޭންކުން ބުނީ އާސަންދަ އަދި އެންސްޕާގެ އެހީ ނުލިބޭ ބަލިމީހުންނަށްވެސް 1،000 ޑޮލަރު ވިއްކަމުންދާނޭކަމަށެވެ.
ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ދޫކުރަން ނިންމާފައިވަނީ އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުންނެވެ. އާސަންދައިގެ ދަށުން ބޭހަށްދާ މީހެއް ނަމަ ބަލިމީހާ އަދި އެހީތެރިޔާގެ ޓިކެޓް އަދި ޕާސްޕޯޓް ކޮޕީގެ އިތުރުން އާސަންދަ އެޕްރޫވަލް ނުވަތަ ރިކޮމެންޑޭޝަން ލެޓާ ހުށަހަޅަން ޖެހޭނެ އެވެ.
އެންސްޕާގެ އެހީގައި ބޭރަށް ދާ މީހުންނަށް ޑޮލަރު ދޫކުރަން ހަމަޖެހިފައިވަނީ އެންސްޕާއިން އެހީ ހަމަޖެހުނު ކަމުގެ ލިޔުން، ބަލިމީހާ އާއި އެހީތެރިޔާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހެޅުމުންނެވެ. އަމިއްލަ މީހުން ބޭރަށް ދާ ނަމަ އެ ބައްޔަކީ ބޭރުން ފަރުވާ ހޯދަންޖެހޭ ބައްޔެއް އެނގޭ ލިޔުމާއި ބަލިމީހާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހަޅަންޖެހެ އެވެ.






