ނ.އަތޮޅަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު އެއަތޮޅަށް ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ފުރަތަމަ ވަޑައިގެންނެވީ ނ. މާފަރަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ.
އެގޮތުން ނ. އަތޮޅު ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫއަށް ރައީސް މުއިއްޒު ވަޑައިގަންނަވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. މީގެ އިތުރުން އެ ރަށްރަށުގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބައެއް ރަށްރަށުގައި މަޝްރޫއުތައް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ދަތުރުފުޅު ނިންމަވާލައްވައި ރައީސް މުއިއްޒު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު އެވެ.





