ރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ.ޝަހީމް ވިދާޅުވީ އެކަން ރަސްމީކޮށް މޮރޮކޯ ސަރުކާރުން މިހާރު އަންގާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކިޔަވަން ތިބޭ މުއްދަތުގައި އިމާމުންނަށް ޕޮކެޓް މަނީ ވެސް ލިބޭނެ ކަމަށާއި އިމާމުންނަށް އަރަބި ބަސް ކިޔަވައި ދޭން އެގައުމުގައި ހުންނަ ޚާއްޞަ އިންސްޓިއުޓަކީ ރަސްގެފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިއުޓެއް ކަމަށެވެ.
ޝަހީމު ވިދާޅުވީ އެތަނުގައި ކިޔަވާ ފަރާތްތަކަށް އެކޮމޮޑޭޝަން ވެސް ލިބޭނެ ކަމަށެވެ.
”އިމާމުން ކިޔަވަން ފޮނުވުމާ ގުޅޭ އެއްބަސްވުމުގައި މޮރޮކޯ ސަރުކާރާ އެކު ވަރަށް އަވަހަށް ސޮއިކުރެވިގެން ދާނެ،” އޭނަ ވިދާޅުވި އެވެ.
އިމާމުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން އިތުރު ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން މިދިޔަ އަހަރު 100 އަށްވުރެ ގިނަ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހޯދައިދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.









